ENGLISH
16 ޖެނުއަރީ 2026
ދެހަފުތާއެއްހާ ދުވަހުގެ ތެރޭ ލައްކައެއްހާ ފަތުރުވެރިން ރާއްޖެއަށް، މާކެޓުގެ އެއްވަނައިގައި ރަޝިޔާ
16 ޖެނުއަރީ 2026
|
ފަތުރުވެރިންތަކެއް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ: މޯލްޑިވިއަން
މި އަހަރު ފެށިގެން މިވީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފިއެ.
ފަތުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މި ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް 93,058 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 84,074 ފަތުރުވެރިންނާ އަޅާބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީން، 2024 ވަނަ އަހަރުގެ ފުރަތަމަ 14 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 76,982 އެވެ.
މި ޖެނުއަރީ މަހުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި މަހުގެ ފުރަތަމަ 14 ދުވަހު އެވްރެޖުކޮށް ދުވާލަކު 7,158 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
ޖަނަވަރީ މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 69.4 އިންސައްތަ ނުވަތަ 64,544 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 25.5 އިންސައްތައެވެ. އެއީ، 23,699 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ހޮޓާތަކަށް 2,689 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 2,042 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 16,155 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިޓަލީން 11,659 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން އައީ 7,481 ފަތުރުވެރިންނެވެ.
ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުރުވެރިކަން ފުޅާވެފައި ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް އަންނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުން ލިބޭ އާއްމުދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ.