ENGLISH

19 އޭޕްރީލު 2025

Advertisement

އާސަންދަ ސްކީމުގެ ދަށުން އެއްވެސް ބޭހެއް ކަވަރުކުރުން ހުއްޓައެއް ނުލާ

06 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ބޭސް ވިއްކާ ފާމަސީއެއް. - ފޮޓޯ: ގޫގުލް

އާސަންދަ ސްކީމުގެ ދަށުން އެއްވެސް ބޭހެއް ކަވަރުކުރުން ހުއްޓާ ނުލާ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ. 

އާސަންދަ އިން ކުރި އިއުލާނެއްގައި ވިދާޅުވީ އާސަންދަ ސްކީމުގެ ދަށުން އެއްވެސް ބޭހެއް ކަވަރުކުރުން ހުއްޓާނުލާ ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް މިހާރު ވެސް އާސަންދަ ސްކީމުގެ ދަށުން ބޭހަށް ކަވަރޭޖް ލިބޭނެ ކަމަށެވެ. 

އާސަންދަ ސްކީމުން ކަވަރުނުކުރާ ޚިދުމަތްތަކާ ގުޅިގެން ދޭ ބޭހެއް ނަމަ ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ. އަދި އެ ސްކީމުން ކަވަރުކުރާ ބޭހެެއް، ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ ޝިކާވަތި ޗެޓްލައިން، 7951400 އަށް ވައިބާ ނުވަތަ ވަޓްސްއެޕްއިން މެސެޖުކުރުމަށް ވަނީ އިލްތިމާސްކުރައްވައިފަ އެވެ. 

މިގެ އިތުރުން، ސްކީމުން ކަވަރުކުރާ ބޭސްތަކާއި އެ ބޭސްތަކަށް ސްކީމުން ކަވަރު ކުރާ މިންވަރު، އާސަންދާ ވެބްސައިޓުގެ "ޑައުންލޯޑްސް، ސެކްޝަނުގައިވާ "މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް" އިން ފެންނަން ހުންނާނެ ކަމަަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެ އެވެ.

މަކަރު ހެދުމާއި އޮޅުވާލުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާސަންދަ ސްކީމުގެ ދަށުން ބޭސް ދޫކުރާއިރު ބޭހާ ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން މިދިޔަ މަހު އަލުން ވަނީ ފަށައިފަ އެވެ. ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަަގު ސަރުކާރުން ވަނީ ހެޔޮކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު