ENGLISH

16 ޖެނުއަރީ 2026

Advertisement

މާލީ އެހީ ނުލިބޭ ފަރާތްތަކަށް ހާއްސަކޮށް މިސްފީގެ ފުރަތަމަ ސްކީމަށް ހުޅުވާލައިފި

15 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މިސްފީގެ ފުރަތަމަ ސްކީމަށް މިހާރުވަނީ ހުޅުވާލާފައި

މާލީ އިދާރާއަކުން އެހީތެރިކަން ނުލިބޭ ފަރާތްތަކަށް ހާއްސަކޮށް، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން 'އިސްލާމިކް މައިކްރޯ ފައިނޭންސިންގ' އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓައިން ހުޅުވާލައިފި އެވެ.

މިއީ މިސްފީގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފުކުރާ ފުރަތަމަ ސްކީމެވެ.

އެސްއެމްއީ ޑިޖިޓައިން ބުނީ މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެކަމަށެވެ. މިފައިނެނޭންސިންގ އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރެވޭ ފައިނޭންސިންއެކެވެ. ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ. މި ފައިނޭންސިންގ އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ އިސްލާމިކް މައިކްރޯ ފައިނޭންސިންގ އަކީ ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންގ އެއް ކަމަށެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިންގ އަކީ، މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައި ނުވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާ ފުރުސަތެއްކަމަށެވެ. މި ފައިނޭންސިންގ ސަބަބުން އާންމު ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

މި ފައިނޭންސިން ސްކީމާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ޒަރީއާއިން އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ބޭންކުތަކުން ފައިނޭންސިންގ ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ.

""ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރުން އަޅުގަނޑުމެންގެ އަމާޒަކީ. މިފަދަ މަގުތައް ފަހިވުމުން އެ ފަރާތްތަކުގެ ގާބިލުކަން ދައްކުވައިދިނުމަށް ފުރުސަތު ލިބި، ކުރިމަގުގައި އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ. މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރުވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ"." - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން

މި ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު