ENGLISH
14 ޖެނުއަރީ 2026
ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން؛ ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނު
14 ޖެނުއަރީ 2026
|
ޒަކާތު ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި ޒަކާތު ހައުސްގެ ހިންގުން ހަރުދަނާކޮށް އެ އިދާރާގެ އުސޫލުތައް އެކުލަވައިލުމާމެދު މަޝްވަރާކުރައްވައިފިއެވެ.
ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ ޒަކާތު ގާނޫނުގެ ދަށުން އެކުލަވައިލާ ކައުންސިލުގެ ރައީސްކަން ކުރައްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މި ކައުންސިލުގައި ނުވަ މެންބަރުން ތިއްބަވއެވެ.
އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއި، އިސްލާމީ ފަތުވާދޭ އެންމެ މތީ މަޖިލީހާއި، ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކު އެމްއެމްއޭ އަދި މީރާގެ މަންދޫބުންގެ އިތުރަށް މި ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާ ބެހޭ މާހިރުންނެވެ.
މިއަދު މި ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބޭއްވިއިރު، މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ޒަކާތާ ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާމެދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭ ފަދަ ދެފުށް ފެންނަ އަދި ނިޒާމީ ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކާމެދު ކައުންސިލުގެ މެންބަރުން މަަޝްވަރާކުރެއްވިއެވެ.
މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. ޚާއްޞަކޮށް އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ޤައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައެވެ.
ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ފެށުމަކީ، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ޤާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޛުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.