ENGLISH

15 ޖެނުއަރީ 2026

Advertisement

ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ބ. ފެހެންދޫގައި ޤާއިމުކުރަނީ

14 ޖެނުއަރީ 2026

|

ފާތުމަތު އަދާ

ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ބ. ފެހެންދޫގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ބ. ފެހެންދޫގައި 250 ކިލޯވޮޓުގެ ސޯލާ ފޮޓޯވޮލްޓެއިކް ނިޒާމަކާއި، 537 ކިލޯވޮޓުގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.

މަޝްރޫއުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ހައިބްރިޑް ސިސްޓަމްގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 117،69 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 288 ޓަނަށް މަދުކުރެވޭނެއެވެ.

މި މަޝްރޫއު ނިމި ޚިދުމަތްދޭން ފެށުމާއެކު ފެހެންދޫގައި ކަރަންޓް އުފެއްދުމަށްޓަކާއި އަންދާ ޑީސަލްގެ މިންވަރު ދަށްވެގެންދާނޭ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ރައީސްގެ އަމާޒަކީ ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަވެނި ހަކަތައިން އުފައްދާ ކަރަންޓަށް 2028 ވަނަ އަހަރުގެ ކުރީން ބަދަލުކުރުމެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިފަދަ މަޝްރޫއުގެ ސަބަބުން ތިމާވެށި ޙިމާޔަތް ކުރުމަށް ބޮޑެތި ކުރިއެރުންތައް ލިބި ތެލަށް ކުރާ ބޮޑެތި ޚަރަދުތައް ކުޑަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު