ENGLISH

14 ޖެނުއަރީ 2026

Advertisement

އެމްޑަބްލިއުއެސްސީއަށް ބޮޑު ކާމިޔާބެއް؛ ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

14 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ބޮޑު ހަބަރު ޕްރޮގްރާމުގައި އެމްޑީ ވާހަކަފުޅު ދައްކަވަނީ

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ން 2024 ވަނަ އަހަރު ނިންމާލީ ކުންފުނީގެ ހަރަދުން 160 މިލިއަން ސަލާމަތްކޮށް، ކުންފުނީގެ ފައިދާގެ ނިސްބަތް 90 އިންސައްތަ އިތުރުކޮށްގެންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީ ވަނީ އައު ސަރުކާރު ހަވާލުވީއިރު ކުންފުނި ހިނގަމުން އައީ ދަރަނީގައިކަން ފާހަގަކުރައްވާފައެވެ. އައު ސަރުކާރުން ވެރިކަމަަށް އައުމާއެކު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައިރު ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދުދެއްވީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ ނާރާނެގޮތަކަށް ހަރަދުކުޑަކުރުމުގެ ސިޔާސަތުތައް ރާވާލުމަށް އިސްކަންދިނުމަށްކަމަށް އެމްޑީ މަތީން ވިދާޅުވިއެވެ. 2024 ވަނަ އަހަރު ކުންފުނީގެ ހިންގުން ކުރިއަށް ގެންދަންޖެހުނީ ދަރަނީގެ ތެރެއިން ނަމަވެސް އަހަރު ނިމިގެންދިޔައީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްގެންކަން އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

""2023 އާ 2024 އަށް އަޅާބަލާއިރު 160 މިލިއަން ރުފިޔާ ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވުނު. އޭރު އޮތް ދަރަނީގެ ހާލަތާއި ކޭޝްފްލޯގެ ހާލަތަށް ބަލާކަމުގައި ވާނަމަ ކުންފުނި މެނޭޖުކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް މިއީ. ކުންފުނީގެ ހަރަދު ކުޑަކޮށްގެން ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ފައިދާ ވެސް ވަރަށް ބޮޑުތަނުން އިތުރުވެގެންދިޔަ 2023 އަޅާ ބަލާއިރު. އެގޮތުން 2024 ވަނަ އަހަރު ކުންފުންޏަށް 90 އިންސައްތަ ފައިދާ ލިބިފައިވޭ." " - އެމްޑަބުލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން

ރައީސް މުޢިއްޒު ދެއްވި އިރުޝާދުފުޅުގެ ސަބަބުން ވެރިކަމާ ހަވާލުވެ، ފުރަތަމަ އަހަރުގައިވެސް ބޮޑު ކާމިޔާބީއެއް އެމްޑަބުލިއުއެސްސީން ހޯދިކަމަށް އެމްޑީ ވިދާޅުވިއެވެ.

މި ދެ އަހަރުގެ ތެރޭގައި ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ޒަމާނީ ހިދުމަތްތަކެއް ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން އެމްޑީ މަތީން ފާހަގަކުރެއްވިއެވެ. 

އެމްޑަބުލިއުއެސްސީން 2024 ވަނަ ބޮޑު ކާމިޔާބީއެއް ހޯދިއިރު،ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް މި އަހަރުގެ މަސައްކަތްތައް ފަށައިގަތުމަށް އައު ވިސްނުންތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް" ވަނީ ބާއްވައިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މި އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާވެފައިވަނީ ޚަރަދުކުޑަކުރުމާއި، ފެނުގެ ޚިދުމަތް ނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި، ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށްކަމަށެވެ. މި ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު