ENGLISH

14 ޖެނުއަރީ 2026

Advertisement

ވައުދުފުޅު ފުއްދަވައި މީޑިޔާއަށް މާލީ ބާރުވެރިކަން؛ 40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

14 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވާހަކަދައްކަަވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މީޑިޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައި މީޑިޔާތައް މާލީ ގޮތުން ބާރުވެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން 40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ނޫސްވެރިންނާއެކު އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ގުންޒަރުގައި އެންމެ ގިނަ މީޑިޔާއިން ފާހަގަކުރި ގޮންޖެހުމަކީ މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކެވެ. އަދި މިނިވަންކަމާއެކު މީޑިޔާ ހިންގައި ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަން ކަމުގައި ނޫސްވެެރިން ފާހަގަކުރިއެވެ. 

މީޑިޔާއަށް ދިމާވެފައި އޮތް މާލީ ގޮންޖެހުން ކުޑަކޮށް، މުޖުތަމައުގެ މަސްލަހަތުގައި މަސައްކަތްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއް މީޑިޔާއަށް ހާއްސަކޮށްދެއްވުމަށް އެ ބައްދަލުވުމުގައި ރައީސް ވައުދުވެވަޑައިގަތެވެ. 

އަލަށް އެކުލަވައިލެވުނު މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަނުން އެކުލަވައިލި އުސޫލުގެ ދަށުން މީޑިޔާތަކަށް ލިބޭ ފައިސާގެ އަދަދުތައް ކަނޑައަޅައި، އެ އަދަދުތައް އެ ކޮމިޝަނުންވަނީ އާއްމުކޮށްފައެވެ. 

މިއަދު ނެރުނު ބަޔާނެއްގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އުސޫލުގެ ދަށުން 40 މީޑިޔާއަކަށް ފައިސާ ލިބޭކަމަށް ކަނޑައަޅައި، އެކަން ވުޒާރާއަށް އެންގުމާ ގުޅިގެން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެތަންތަނަށް ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އެ ވުޒާރާއިން ބުނި ގޮތުގައި އެ މީޑިޔާއަށް ދޫކޮށްފައިވަނީ 27،295،532.69 (ހަތާވީސް މިލިއަަން ދެލައްކަ ނުވަދިހަ ފަސްހާސް ފަސްސަތޭކަ ބައްތިރީސް) ރުފިޔާއެވެ. 

މި އެހީއާއެކު މީޑިޔާތައް މާލީ ގޮތުން ކުރިއަށްވުރެ ބާރުވެރި، އެކި މަސްލަހަތުތަކަށް ރިއާޔަތްކޮށްގެން ހަބަރާއި މައުލޫމާތު ގެނެސްދޭން ޖެހޭ ޖެހުމުން މިނިވަންވެ، މުސްތަގިއްލުކަމާއެކު ޒިންމާދާރު ނޫސްވެރިކަން ކުރުމަށް ފުރުސަތު ފަހިވާނެ ކަމުގައި ސަރުކާރުން ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު