ENGLISH
14 ޖެނުއަރީ 2026
ޗައިނާއާއި އިންޑިޔާއިން އިމްޕޯޓުކުރި މިންވަރު މައްޗަށް، ޔޫއޭއީއިން އިމްޕޯޓުކުރި މިންވަރު ދަށަށް
14 ޖެނުއަރީ 2026
|
އިންޑިޔާއާއި ޗައިނާއިން އިމްޕޯޓުކުރި މިންވަރު 2025 ގައި ވަރަށް ބޮޑަށް އިތުރުވި
ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އަވައްޓެރި އިންޑިޔާއާއި އެކުވެރި ޗައިނާއިން މުދާ އިމްޕޯޓުކުރި މިންވަރު އިތުރުވިއިރު، އެ މުއްދަތުގައި އެކުވެރި ޢަރަބި އިމާރާތުން މުދާ އިމްޕޯޓުކުރި މިންވަރު ކުރީ އަހަރަށްވުރެ ދަށްވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިގުތިސާދީ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު ޖަނަވަރީން ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގު، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓުކުރި މިންވަރަށްވުރެ އިތުރުވެފައިވެއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ އެމުއްދަތުގައި 3.26 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވާއިރު، ފާއިތުވި 2025 ވަނަ އަހަރު 3.27 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ 0.4 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ރާއްޖެއަށް ނިމުނު އަހަރުވެސް އެންމެ ގިނައިން މުދާ އެތެރެކުރީ ޔޫއޭއީންނެވެ. އެހެންނަމަވެސް 2024 ވަނަ އަހަރާ އަޅާބަލާައިރު ނިމުނު އަހަރު އެ ގައުމުން މުދާ އެތެރެކުރި މިންވަރުވަނީ މަދުވެފައެވެ.
އެގޮތުން 2024 ވަނަ އަހަރު ޔޫއޭއން 627.8 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކުރިއިރު، މި އަހަރު އެ ގައުމުން އިމްޕޯޓުކޮށްފަައިވަނީ 600 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ 4.3 އިންސައްތައިގެ ދަށްވުމެކެވެ. ޔޫއޭއީން މުދާ އެތެރެކުރި މިންވަރު މަދުވި ނަމަވެސް ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބާޒާރުކަމަށްވާ އަވައްޓެރި އިންޑިޔާ އަދި ތިންވަނައަށް އެންމެ ގިނައިން އިމްޕޯޓުކުރި ގައުމުކަމަށްވާ ޗައިނާއިން އިމްޕޯޓުކުރި މިންވަރު އިތުރުވިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އިންޑިޔާއިން އިމްޕޯޓުކުރީ 470.7 މިލިއަން ޑޮލަރުގެ މުދަލެވެ. ނިމުނު އަހަރު އެ އަދަދުވަނީ 492.7 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ޗައިނާއިން ނިމުނު އަހަރު 471.6 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކުރިއިރު އެއީ 2024 ވަނަ އަހަރު އެ ގައުމުން އިމްޕޯޓުކުރި 430.9 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު %9.4 ގެ އިތުުރުވުމެކެވެ.
ދިވެހި ސަރުކާރުން އަންނަނީ ޗައިނާއާއި އިންޑިޔާއާއެކު ވިޔަފާރިކުރުން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާއާއެކު 2017 ވަނަ އަހަަރު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ. އަދި އިންޑިޔާއާއެކު ދެ ގައުމުގެ ފައިސާއިން މުއާމަލާތްކުރުމަށް މަގުފަހިކުރުމުގެ އެއްބަސްވުމެއް ގާއިމުކޮށް، އިންޑިޔާ ރުޕީސްއިން ކަރަންސީ ސްވޮޕެއް ހަދާފައިވެއެވެ.
ޗައިނާގައި ވީ ޕޭ އަދި އިންޑިޔާ ރުޕޭ ބޭނުންކޮށްގެން ފަސޭހަމަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމުތައް މިހާރުވަނީ ހަމަޖެހިފައެވެ. މި ސިޔާސަތުތަކާއެކު މި ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.