ENGLISH
14 ޖެނުއަރީ 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން 11 އަހަރަށް ޖަލަށް
14 ޖެނުއަރީ 2026
|
ކްރިމިނަލް ކޯޓުގެ އައު ނަންބޯޑު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުވާކުރި މީހަކު ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހެދުމުން އޭނާ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އިއްވި ހުކުމުގެ ތަފުސީލުތައް ނުހިމަނައި ކޯޓުން ޝާއިއުކުރި ހަބަރުގައި ބުނެފައިވާ ގޮތުން، މި މައްސަލާގައި ހިމެނޭ މުއްތަހަމުގެ މައްޗަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއެވެ.
އެ ދައުވާކުރުމުން އޭނާވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު ގާނޫނުގައި ބަޔާންކުރާ އުސޫލުގެ މަރިން އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފު އެއްބަސްވުންތަކުގެ ދަށުން އާއްމުކޮށް ކުށް ސާބިތުވާ މީހުންނަށް ބޮޑެތި ލުއިތައް ލިބުނު ނަމަވެސް މި މައްސަލާގައި ބޮޑު ލުޔެއް ދީފައިނުވެއެވެ.
އެގޮތުން އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ޝަރީއަތުގައި ކުށަށް އިއުތިރާފުވުމާއެކު އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެއީ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ދޭން ކަނޑައެޅި އަދަބެކެވެ.
ގާނޫނުގައި ބަޔާންކުރާ ގޮތުން ކުޑަކުއްޖެއްގެ ގައިގަ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ އަދަބަކީ ދިހަ އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވި ހުކުމަކީ އޭނާގެ މައްޗަށް ސާބިތުވި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ އިމުގެ ތެރެއިން އިއްވާފައިވާ ހުކުމެކެވެ.