ENGLISH

13 ޖެނުއަރީ 2026

Advertisement

ފުރަތަމަ 12 ދުވަހު ރާއްޖެއަށް 85،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

13 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ފަތުރުވެރިންތަކެއް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ: މޯލްޑިވިއަން

މި އަހަރުގެ ފުރަތަމަ 12 ދުވަހު 85،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް 85،091 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 77,727 ފަތުރުވެރިންނާ އަޅާބަލާއިރު 10.1 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީން، 2024 ވަނަ އަހަރުގެ ފުރަތަމަ 12 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 69,279 އެވެ.

މި މަހުގެ ފުރަތަމަ 12 ދުވަހު އެވްރެޖުކޮށް ދުވާލަކު 7,133 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

ޖަނަވަރީ މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 69.2 އިންސައްތަ ނުވަތަ 59,250 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 25.4 އިންސައްތައެވެ. އެއީ، 21,761 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ހޮޓާތަކަށް 2,505 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 2,004 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 15,430 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިޓަލީން 10,833 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން އައީ 6,729 ފަތުރުވެރިންނެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރު ވެރިކަމާ ހަވާލުވީފަހުން ފަތުރުވެރިކަން ފުޅާވެފައި ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް އަންނީ ކުރަމުންނެވެ. 

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުން ލިބޭ އާއްމުދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު