ENGLISH
19 އޭޕްރީލު 2025
އެމްޑަބްލިޔުއެސްސީ އިން އިޝޫކުރާ 400 މިލިއަން ރުފިޔާގެ ބޮންޑުގެ ތެރެއިން 200 މިލިއަން ވިއްކަން ހުޅުވާލައިފި
06 ޑިސެމްބަރު 2024
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްއެމްޓީވީ
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީ އިން ހިންގާ މަޝްރޫޢުތަކަށް ކުޑަ އިންޓަރެސްޓެއްގައި ފައިސާ ހޯދުމަށްޓަކައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް 400 މިލިއަން ރުފިޔާގެ ބޮންޑެއް އިޝޫ ކުރަން ނިންމާފައިވާ ކަމަށާއި، އެ ބޮންޑުގެ ތެރެއިން 200 މިލިއަން ރުފިޔާ ވިއްކަން އިއްޔެ ހުޅުވާލެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވި ގޮތުގައި، އެމްޑަބްލިޔުއެސްސީއަށް ލިބޭ އާމްދަނީ ޙިއްސާކުރަނީ، ފެނުގެ ޚިދުމަތްތަކުގެ އަގުން 55 އިންސައްތަ އަދި ކުންފުނިން ހިންގާ މަޝްރޫޢުތައް ހިމެނޭ ގޮތަށް ނޮން ޔުޓިލިޓީ އާމްދަނީގެ ގޮތުގައި 45 އިންސައްތަ ކަމަށެވެ.
އެކަމަކު އެމްޑަބްލިޔުއެސްސީގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި، ހިންގާ މަޝްރޫޢުތައް އިތުރުކޮށްގެން ނޮން ޔުޓިލިޓީ އާމްދަނީ، ޖުމްލަ އާމްދަނީގެ 60 އިންސައްތަ އާ ހަމައަށް އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، މަތީން ވިދާޅުވި ގޮތުގައި، 20 އަށް ވުރެ ގިނަ ރަށުގައި ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަސައްކަތް، މި އަހަރުގެ ތެރޭގައި ވަނީ އަލަށް ހޯދައިފައެވެ.
ނަމަވެސް، އެފަދަ މަޝްރޫޢުތައް އިތުރުކުރުމަށްޓަކައި، އިތުރު ވަޞީލަތްތަކާއި އާލަތްތައް ހޯދުމަށް ފައިސާ ބޭނުންވާއިރު، އާންމު ގޮތެއްގައި ފައިސާ ލިބެނޭ ވަރަށް ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ މި ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް މި ވަނީ ވަދެފަ. އެ ތަނުން އަޅުގަނޑުމެން 400 މިލިއަންގެ ބޮންޑެއް މި އިޝޫ ކުރީ. އޭގެތެރެއިން އިއްޔެ މި ވަނީ 200 މިލިއަން ހުޅުވާލެވިފަ މާކެޓަށް،" މަތީން ވިދާޅުވިއެވެ.
އާންމު ގޮތެއްގައި މާލީ އިދާރާތަކުން ފައިނޭންސިން ލިބޭ އިންޓަރެސްޓު 10 ނޫނީ 11 ޕަސެންޓުގައި ހުންނަ އިރު، އޭނާ ވިދާޅުވީ މި ބޮންޑު މެދުވެރިކޮށް ބޭނުންވާ ފައިސާ ހޯދަނީ 7.5 ޕަސެންޓު އިންޓަރެސްޓުގައި ކަމަށެވެ.
މަތީން ވިދާޅުވި ގޮތުގައި، ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކޮށްގެން ކުންފުނީގެ ހިންގުމުގެ ޚަރަދުން ވަރަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވިއްޖެއެވެ.
މިގޮތުން، މިދިޔަ އަހަރުގެ ތިން ކުއާޓަރާއި މި އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި އެ ފިޔަވަޅުތަކުން، ޚަރަދުން ސަލާމަތްކުރެވުނު އަދަދު 170 މިލިއަން އަރާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އެއާ އެކު، ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ނުނަގައި، އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ މި އަހަރު 100 އިންސައްތަ އިތުރުވާނެ ކަމަށް ވެސް މަތީން ވިދާޅުވިއެވެ.