ENGLISH
05 ޖުލައި 2025
އަވަދިނެތި އުޅުމަކީ ނަމާދުތަކަށް ފަރުވާކުޑަކުރަން ޖެހޭ ސަބަބެއް ނޫންކަމަށް ހުކުރު ޙުތުބާގައި ބުނެފި
06 ޑިސެމްބަރު 2024
|
ނަމާދު ކުރުން
މަސައްކަތުގައި އަވަދިނެތި އުޅުމަކީ ނަމާދުތަކަށް ފަރުވާކުޑަކުރަން ޖެހޭ ސަބަބެއް ނޫންކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
ނަމާދަކީ އިސްލާމްދީނުގެ ތަނބު ކަމަށާއި، ކޮންމެ މުކައްލަފަކުވެސް ކުރަން ވާޖިބުވެގެންވާ އަޅުކަމެއްވަނީ ބަޔާންކޮށްފައެވެ. ރަށުގައި ޤާއިމުވެހުރި މީހާއާއި، ދަތުރުވެރިޔާއާއި، ބަލިމީހާވެސް މި އަޅުކަން ކުރުމަށް އަމުރުކުރައްވާފައިވެއެވެ. މި އަޅުކަން ނުކުރެވޭނެ ހަމައެކަނި ޙާލަތަކީ ބުއްދި ފިލައިދިއުމެވެ.
މި މަތިވެރި އަޅުކަމަކީ ދުނިޔަވީ ކަންކަން ނިމުމުން ކުރާ ކަމެއްގެ ގޮތުގައި އެއްވެސް ޙާލެއްގައި ދެކިގެން ނުވާނެކަމަށާއި ޤިޔާމަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ މެދުގައި ކަން ހަނދާން ބަހައްޓަވާކަން ކިޔައިދިނެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތުން ޢާމްދަނީ ހޯދާ ބައެއްކަމާއި މީގެ އިތުރުން، ގިނަ ދިވެހިންނަކީ ދުވާލުގެ ގިނަ ވަގުތު އޮފީސްތަކާއި، ކުންފުނިތަކާއި، ފިހާރަތަކުގައި ވަޒީފާ އަދާކުރާ ބައެއްކަން ފާހަގަކުރިއެވެ. ނަމަވެސް، މި ބުރަ މަސައްކަތުގެ ތެރޭގައި ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ އަޅުގަނޑުމެން ސުވާލުކުރަން ޖެހޭކަމާއި އޮފީހުން ލިބޭ ހުސްވަގުތުކޮޅުގައި ކުރަންޖެހޭ އެތައް ކަމެއް ހުރިނަމަވެސް، މުސްލިމެއްގެ ހައިސިއްޔަތުން އެންމެ އިސްކަންދޭންވާނީ ނަމާދަށްކަން ބުނެދިނެވެ.
ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ކޮންމެ ފަދަ މަސައްކަތެއް ކުރި ކަމުގައިވިޔަސް، ނަމާދު ވަގުތު ޖެހުމުން އެ ނަމާދު ކުރުމަށް އަވަސްވެގަންނަން ޖެހޭކަމާއި، ބައެއް ބާވަތުގެ މަސައްކަތްތަކުގައި އުޅޭއިރު މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނޭކަން ފާހަގަކުރިއެވެ.
އެފަދަ ޙާލަތްތަކުގައި އެތިބި ތަނެއްގައި ތިބެ ނަމާދުކުރުމުގެ ފުރުޞަތު އޮންނަކަމާއި، ނަމަވެސް، މިސްކިތް ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެއްކޮށް ދޫކޮށްލުމަށް އޮތް އުޒުރެއް ނޫންކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ޢަމަލުތައް ސީދާވެ، ކުރާ މަސައްކަތުގައި ބަރަކާތް ލެއްވޭނެ ކަމެއްކަމާއި، ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ނަމާދުތައް އޭގެ ޝަރުޠުތަކާއި، ރުކުންތަކާއި، ވާޖިބުތަކާއި، މުސްތަޙައްބު ކަންތައްތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތައް ވަރަށް ގިނަކަންފާހަގަކުރިއެވެ.
މި ފައިދާތަކުގެ ތެރޭގައި:
- ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިވުން
- ވަގުތަށް ކަމޭހިތުން
- އަމުރަށް ކިޔަމަންވުން
- ﷲ އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން
ފަދަ ކަންކަން ހިމެނެއެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގައި ނަމާދަށް ދޭންވާ އިސްކަން ދީ، އޭގެ ވަގުތުތައް ރަނގަޅަށް ބަލަހައްޓައި، ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމާޢި އަދި މިކަމުގައި އަޅުގަނޑުމެންގެ ދަރިންނަށާއި އާއިލާއަށް ނަމޫނާ ދައްކަންޖެހެއެވެ.