ENGLISH

19 އޭޕްރީލު 2025

Advertisement

ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު

05 ޑިސެމްބަރު 2024

|

އެމް އެމް

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ކ) އިންޑިއާ ސަފީރު މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ސަފީރު މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައި ވަނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ލީޑަރޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައިވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ދިވެހިރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުޙަލާއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާ ސަފީރު ވަނީ، އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޜަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސަބަބުން ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ.

މިގޮތުން، ދިވެހިރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައްވެސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި މި ވަދާޢީ ޒިޔާރަތް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަމުގައި ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު