ENGLISH

12 ޖެނުއަރީ 2026

Advertisement

މި މަހުގެ ފުރަތަމަ 10 ދުވަހު އައި ފަތުރުވެރިންގެ އަދަދު 70،000 ހާ ގާތަށް

11 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ފަތުރުވެރިންތަކެއް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ: މޯލްޑިވިއަން

މި އަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 70،000 ހާ ގާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް 69،408 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 61،463 ފަތުރުވެރިންނާ އަޅާބަލާއިރު 12.9 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީން، 2024 ވަނަ އަހަރުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 56،832 އެވެ.

މި މަހުގެ ފުރަތަމަ ހަތް ދުވަހު އެވްރެޖުކޮށް ދުވާލަކު 6،941 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

ޖަނަވަރީ މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 68.8 އިންސައްތަ ނުވަތަ 47،742 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 25.6 އިންސައްތައެވެ. އެއީ، 17،802 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ހޮޓާތަކަށް 2،086 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 1،727 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 13،157 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިޓަލީން 9،199 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން އައީ 5،163 ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު