ENGLISH
29 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަން ރިވެލީގައި 7803 ސަރަހައްދު ޗެކްކޮށް، 29 މީހަކު ހައްޔަރުކޮށްފި
29 ޑިސެމްބަރު 2025
|
މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ޕޮލިސް---ފޮޓޯ:ފުލުހުން
އައު އަހަރު ފެށުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ "އޮޕަރޭޝަން ރިވެލި" ގެ ތެރެއިން މިހާތަނަށް ޖުމްލަ 7803 ސަރަހައްދު ޗެކްކޮށް، 29 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ 24 ޑިސެމްބަރުން ފެެށިގެން 28 ޑިސެމްބަރުގެ ނިޔަލަށް 3845 މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި، މާލެ ސަރަހައްދުގައި 1598 މީހުންނާ ސުވާލުކޮށްފައިވާއިރު، 26 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނޭ 95 މީހުންނަކީ ބިދޭސީން ކަމުުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި 2247 މީހުންނާ ސުވާލުކޮށް، 3 މީހަކު ހައްޔަރުކޮށްފައިވާއިރު، 46 ފަރާތަކީ ބިދޭސީންނެވެ.
އޮޕަރޭޝަން ރިވެލީގައި ކުރާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގައި 1954 އުޅަނދު ޗެކްކޮށް، 397 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ. މީގެއިތުރުން، ހުޅުމާލޭގައި 1879 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު، 28 ފަރާތެއް މިވަނީ ޖޫރިމަނާކޮށްފައެވެ.
ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރަކުވެސް އަހަރު ނިމޭ ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ބާވަތްތަކުގެ ކުށްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް މީގެކުރިން ވިދާޅުވީ، މާލޭގެ އިތުރަށް މާލެއާ ކައިރި ބައެއް ރަށްރަަށާއި ރިސޯޓުތަކުގައިވެސް މި އަހަރު "ރިވެލި" އޮޕަރޭޝަނުގެ ދަށުން ބައެއް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
މާލޭގައި ވެހިކަލް ޗެކްކުރާ ޗެކް ޕޮއިންޓުތައް ގާއިމުކުރުމާއެކު، ވައްކަމާއި ފޭރުުން ހުއްޓުވުމަށް ސަމާލުކަންދީގެން ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބަނގުރަލާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މީހުންނާއި، މީހުންނަށް އުދަގޫވާނެހެން ނުވަތަ ނުރައްކާވާނެހެން އެއްގަމު އުޅަަނދުފަހަރު ދުއްވާ މީހުން ހުއްޓުވައި ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.