ENGLISH
29 ޑިސެމްބަރު 2025
ފިނޭ ބަނދަރު ތަރައްގީކުރުން: ކީވޯލް ޖެހުމުގެ މަސައްކަތް ނިމުމަކާ ގާތަށް
29 ޑިސެމްބަރު 2025
|
ފިނޭ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
ހދ. ފިނޭ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ކީވޯލް ޖެހުމުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ކީވޯލް ޖެހުމުގެ މަސައްކަތުގެ 86 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.
ފިނޭ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 35،484.26 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 219.20 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުން ހިމެނެއެވެ.
މީގެއިތުރުން، 2،198 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތާއި، ހައިސްޕީޑް ފެރީ ނެޓްވޯކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯމެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި 47.26 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ފިނޭގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމާއެކު އެ ރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައި އެތަކެއް ލުއިފަސޭހައަކާއި، ހިތްހަމަޖެހުމެއް ލިބިގެންދާނެ އެވެ. އަދި، މި ބަނދަރު ތަރައްގީކުރެވި ފުރިހަމަވެގެންދިއުމުން އިޖުތިމާއީ ގޮތުންނާއި، އިގްތިސާތީގޮތުން ފިނޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރިމަގުގައި ލިބިގެންދާނެއެވެ.