ENGLISH

29 ޑިސެމްބަރު 2025

Advertisement

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމާއި ފްލެޓް ދޫކުރުމުގެ އުޞޫލު އާއްމުކޮށްފި

29 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ: ބޯހިޔާވަހިކަމުގެ ހައްލު ގެނައުމަށް ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަން އެންމެންނަށް އަދި އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު ގެޒެޓުގައި ރޭ ޝާއިޢުކޮށްފިއެވެ. 

ބިން ދޫކުރުމުގެ އުޞޫލުގައި ބުނެފައިވަނީ، މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަޙައްދާއި ރަސްމާލެއިން ކަމަށެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. ހުރިހާ ގޯއްޗެއްގެ ވެސް ބޮޑުމިނުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1250 އަކަފޫޓެވެ. 

ފްލެޓް ދޫކުރުމަށް ވެސް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަޙައްދުންނެވެ. އެގޮތުން، ފްލެޓް ލިބޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން އުޞޫލުގައި ބަޔާންކޮށްފައިވާ، ޝަރުތު ހަމަވާ މީހުންނަށެވެ. އެމީހުންނަށް ފްލެޓް ދޫކުރާނީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުންނެވެ. 

އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްއަކީ، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަނެވޭ ހައުސިން މޮޑެލް އެކެވެ. އަދި، ރެންޓް-ޓު-އޯން މޮޑެލްއަކީ އުޞޫލުގެ ދަށުން ޔުނިޓް ޙަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ އަދި ޔުނިޓުގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓް މިލްކުކުރެވޭ މޮޑެލްއެކެވެ. 

ބޯހިޔާވަހިކަމަށް ހައްލު ގެނައުމުގެ ގޮތުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ. އަދި، 7500 ފްލެޓް އަޅަން ނިންމައި، އެ ފްލެޓްތަކަށް އެދި ހުށަހަޅަން ސަރުކާރުން ހުޅުވާލާނެއެވެ. 

އެކަށީގެންވާ ބޯހިޔާވަހިކަން ނެތް މީހުންނަށް، ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތެވެ. މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އަތޮޅުތެރޭގައި ވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު