ENGLISH
29 ޑިސެމްބަރު 2025
ފިލްމް "ކަމަނާ" އިން ބައިނަލްއަގްވާމީ ތިން އެވޯޑް ހާސިލްކޮށްފި
29 ޑިސެމްބަރު 2025
|
މިދިޔަ އަހަރު ބެލުންތެރިންގެ މަޤުބޫލު ކަން ހޯދި ދިވެހި ފިލްމު "ކަމަނާ" އަށް ބައިނަލްއަގްވާމީ ތިން އެވޯޑް ލިބިއްޖެއެވެ.
ފަސް ވަނަ ކަރްނާޓަކާ ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލް 2025 ގައި ޝަރަފުވެރި ތިން އެވޯޑުތައް ލިބުމާއެކު، ބައިނަލްއަޤްވާމީ ގޮތުން ބޮޑު މަގުބޫލުކަމެއް އެ ފިލްމާއި ފިލްމުގެ ޓީމަށް ވަނީ ލިބިފައެވެ.
ސެޓަރން ސްޓޫޑިއޯއިން ބުނި ގޮތުގައި މިއީ ދިވެހި ސިނަމާއަށާއި އެ ސްޓޫޑިއޯއަށް ލިބުނު ފަޚުރުވެރި މުހިންމު ކާމިޔާބީއެކެވެ. މި އެވޯޑުތަކަކީ ދިވެހި ފިލްމު އުފެއްދުމުގެ ދާއިރާއަށް ބައިނަލްއަޤްވާމީ މައިދާނުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި އެވޯޑުތަކުގެ ތެރޭގައި ޙުސައިން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ "ކަމަނާ" ފިލްމަށް، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފައިވާއިރު، މިއީ މުނައްވަރުގެ ވަރުގަދަ އަދި މޮޅު ހުނަރު ބަލައިގަތުމުގެ ގޮތުން ލިބުނު އެވޯޑެކެވެ.
ފިލްމުގެ ކާމިޔާބީ އިތުރަށް ބޮޑުވެގެން ދިޔައީ، ޔޫސުފް ޝަފީޢުއަށް އެންމެ މޮޅު ބަތަލުގެ އެވޯޑާއި، މަރިޔަމް އަޒާރަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިގެންނެވެ. މިއީ އެ ދެކުޅަދާނަ ފަންނާނުންގެ ހިތްގައިމު އަދި ހަނދާން ނައްތާނުލެވޭ ފަދަ ތަމްސީލީ ހުނަރުވެރިކަން ފާހަގަކުރުމުގެ ގޮތުން ލިބުނު އެވޯޑުތަކެކެވެ.
2024 ވަނަ އަހަރު ރިލީޒް ކުރެވިފައިވާ "ކަމަނާ" އަކީ، ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން ޢަލީ ޝާނިޒް މުޙައްމަދު ޕްރޮޑިއުސް ކޮށްފައިވާ ދިވެހި ފީޗަރ ފިލްމެކެވެ. އަދި މިފިލްމަކީ އެއަހަރުގެ މެގަހިޓް ފިލްމެވެ. މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ޔޫސުފް ޝަފީޢު، މަރިޔަމް އައްޒަ، މުހައްމަދު މަނިކު އަދި އާމިނަތު ރަޝްފާ އެވެ.
"ކަމަނާ" ފިލްމުގެ ވާހަކަ ކިޔައިދެނީ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކައިވެނިކޮށްފައިވާ ދެމަފިރިއެއްގެ ދިރިއުޅުމަށް، ފިރިމީހާއަށް އަންނަ ބޮޑު ބަދަލަކާއި ގުޅިގެން ދިމާވާ ނުވިސްނާ ހުރި ކަންކަން ހުށަހަޅައިދިނުމެވެ. މީގެ ސަބަބުން ދެމަފިރިންގެ ގުޅުން ގޯސްވެ، އަނބިމީހާ އޭނާގެ ބަނޑުގައިވާ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ދިރިހުރުމަށް ހަނގުރާމައެއް ކުރަން މަޖުބޫރުވެއެވެ.
"ކަމަނާ" އަށް ބައިނަލްއަގްވާމީ މިފަދަ ބޮޑެތި އެވޯޑުތަކެއް މިފިލްމަށް ލިބުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު އާ ހިތްވަރެކެވެ.
މިއަހަރު ވެސް އޮލިމްޕަހުގައި ވަނީ ގިނަ ފިލްމުތަކެއް އަޅުފައިވައެވެ. އަދި، އެ ފިލްމުތަކަށް ބެލުންތެރިންގެ ތަރުހީބު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.