ENGLISH
29 ޑިސެމްބަރު 2025
ހާފިޒުންގެ ދަސްވެނިވުމުގައި 42 ހާފިޒަކު ރައީސްގެ މެޑަލް ހާސިލްކުރާނެ: ވަޒީރު
29 ޑިސެމްބަރު 2025
|
މިދިޔަ ރަމަޟާން މަހު ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގެ ތެރެއިން.
އަންނަ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ރޭ ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާގައި 42 ހާފިޒަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލްކުރާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ބަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 21 ދަރިވަރުން ޤުރުޢާން ހިތުދަސްކޮށް ނިންމައި އިމްތިހާނު ހަދާފައިވާ ކަމަށެވެ. އަދި ހަތް ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާ ކަމަށާއި، އަދި އެއް ކުއްޖަކު މިހާރު ހުރީ އިމްތިހާންއަށް ތައްޔާރުވެފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ ރަމަޟާންމަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި، މިއަދަދަކީ ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެއްކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒުކަމުގެ ސަނަދު އެރުވުމަށް މުޅިން ހާފިޒުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިދިޔަ އަހަރުގެ ރޯދަ މަހުގެ 27 ވިލޭރޭ ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ ގުރުއާން ހިތުދަސްކުރި 24 ހާފިޒަކަށް ސަނަދުދީފަ އެވެ. މިއީ އަހަރެއް ތެރޭ އެންމެ ގިނަ ބަޔަކު ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ހާފިޒުންނަށް ދެމުންއަންނަ އެލަވަންސް ވެސް މިއަހަރުގެ ޖުލައި މަހުން ފެށިގެން ދެގުނަ ބޮޑުކުރައްވާފައެވެ. ރައީސްގެ ނިންމެވުމާ އެއްގޮތަށް، ގުރުއާންހިތުދަސްކުރާ ހާފިޒުންނަށް މިހާރު، މަހަކު 4000 ރުފިޔާގެ އެލަވަންސެއް ލިބެއެވެ.
ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރުމެވެ. އަދި ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1،000 އަށް އެރުވުމަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ. ރާއްޖޭގައި މިވަގުތު ވެސް 266 ހާޒިުން އެބަތިއްބެވެ.