ENGLISH

29 ޑިސެމްބަރު 2025

Advertisement

މެދުކެނޑުމެއް ނެތި ދިވެހިންނަށް މަޢުލޫމާތު ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުޢައްސަސާއަކީ ރޭޑިއޯ: ނައިބު ރައީސް

29 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރި ދުވަހުގެ މުނާސަބަތުގައި، އެ ސްޓޭޝަނުގެ 'ބާއްޖަވެރި ހެނދުނެއް' ޕްރޮގްރާމްގައި ނައިބު ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ" ދިވެހިރާއްޖޭގެ އަޑު

މެދުކެނޑުމެއް ނެތި ދިވެހިން ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުޢައްސަސާއަކީ ރޭޑިއޯ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރު ދުވަހު، ދިވެހިރާއްޖޭގެ އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭޑިއޯގެ ޚިދުމަތަށް 63 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ބާއްޖަވެރި ހެނދުނުގެ ޚާއްޞަ ޕްރޮގްރާމްގައި ނައިބު ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވަޑައިގެންނެވިއެވެ. 

ނައިބު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަކީ ތެދު މަޢުލޫމާތާއި، ޚަބަރާއި، މުނިފޫހިފިލުވުމާއި، އެތައް ބައިވަރު މަޢުލޫމާތުތަކެއް މެދުކެނޑުމެއް ނެތި ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުޢައްސަސާ ކަމަށެވެ. 

"ހަޤީގަތުގައި މިފަދަ ޤައުމީ ބޮޑެތި ޚިދުމަތްތަކެއް އަޅުގަނޑުމެންގެ ދިވެހި ޤައުމަށް، މެދުކެނޑުމެއް ނެތި 62 އަހަރު ނިމި 63 އަހަރު ފެށިގެންދާއިރު، އިޖުތިމާޢީ ގޮތުން މުޖުތަމަޢު ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޭތިއްބުމަށްޓަކައި، ތެދު މަޢުލޫމާތުތަކާއި ޚަބަރާއި މުނިފޫހިފިލުވުމާއި، އެތައް ބައިވަރު އެތައް މަޢުލޫމާތުތަކެއް ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިން މެދުކެނޑުމެއް ނެތި ފޯރުކޮށްދިން އެންމެ މުހިއްމު އެއް މުއައްސަސާއަކީ މި ރޭޑިއޯގެ ޒަރިއްޔާއިން ފޯރުކޮށްދެވުނު ޚަބަރުތަކާއި މަޢުލޫމާތުތައް" - ޙުސައިން މުޙައްމަދު ލަޠީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއް ނެތި ކުރި މަސައްކަތުގައި، ހުރިހާ ވެރިންނަށާއި ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވައިފައެވެ. 

ރޭޑިއޯގެ ހަނދާންތަކާއި ގުޅޭގޮތުން ވެސް ޕްރޮގްރާމްގައި ނައިބު ރައީސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ހެނދުނު ދިވެހިރާއްޖޭގެ އަޑުން އަންނަ ޕްރޮގްރާމްތަކަކީ އެމަނިކުފާނު އެންމެ ހަނދުމަފުޅު ހުންނަ ޕްރޮގްރާމްތައް ކަމަށެވެ. އަދި، ސްކޫލަށް ވަޑައިގެންނެވި ދުވަސްވަރު ހެނދުނު ގަޑީގައި އަޑުއިވިވަޑައިގެންނެވި މަޢުލޫމާތުތައް ހަނދުމަފުޅު ހުންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފެށީ 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ. އޭރު އުފެދުނީ މާލޭ ރޭޑިއޯގެ ނަމުގައި އުފެދުނު ރޭޑިއޯ ސްޓޭޝަނެކެވެ. އެއީ، އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ އިސްނެންގެވުމަކަށް ރާއްޖޭގައި ފެށުނު ޚިދުމަތެކެވެ. މާލޭ ރޭޑިއޯގެ ނަން ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ބަދަލުކުރީ ރޭޑިއޯ އަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި އޭރުގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް އެވެ. 

ދިވެހިރާއްޖޭގެ އަޑު ތަރައްޤީވަމުން ގޮސް 1981 ވަނަ އަހަރު ވަނީ އާ ޓްރާންސްމީޓަރުތައް ބަހައްޓައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެ ޚިދުމަތް ދޭން ފަށައިފަ އެވެ. އަދި، މިހާރު ދިވެހިރާއްޖޭގެ އަޑަކީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ސްޓޭޝަނެކެވެ. 

ކިޔުންތެރިންގެ ހިޔާލު