ENGLISH
17 ޑިސެމްބަރު 2025
ސާރާ އަށް ފެތުމުގެ ގައުމީ ދެ ރެކޯޑެއް
17 ޑިސެމްބަރު 2025
|
ގައުމީ ސްވިމިންގ ޓީމުގައި ހިމެނޭ ސާރާ މުޙައްމަދު. --ފޮޓޯ: އެމްއޯސީ
ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ ސާރާ މުޙައްމަދު ފެތުމުގެ ގައުމީ ދެ ރެކޯޑެއް އާކޮށްފިއެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ ހެމިލްޓަން އެކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ ވަނީ، އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި ޝޯޓްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުން ގައުމީ ރެކޯޑް އާކޮށްފައެވެ.
އެގޮތުން، އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ގައުމީ ރެކޯޑް ސާރާ އާކޮށްފައިވަނީ،02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ހަމްނާ އަހުމަދު އެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެ ގައުމުގެ 20 ވަނަ ނޭޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސްގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓް 03:00.53 އިން ނިންމައިގެންނެވެ.
ސާރާ ވަނީ، ދުބާއީގައި މިހާރު ކުރިއަށްދާ ހެމިލްޓަން އެކުއާޓިކްސް ވިންޓަރ ވޮންޑަރގައި އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓު 05:23.90 އިން ފުރިހަމަކޮށްގެން ގައުމީ ރެކޯޑް އާކޮށްފައެވެ.
ކުރީން މި ރެކޯޑް އޮންނަނީ އީން އައްބާސް ޝަރީފު އަތުގައެވެ. އެއީ، 2022 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ޝޯޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 400 މީޓަރު ފްރީސްޓައިލް އިވެންޓް 05:29.88 އިން ނިންމައިގެންނެވެ.