ENGLISH

10 އޭޕްރީލު 2025

Advertisement

ބޮޓަފޯގޯ އިން ފުރަތަމަ ފަހަރަށް ކޮޕާ ލިބަޓަޑޯރެސް ކަޕް ކާމިޔާބުކޮށްފި

01 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ބޮޓަފޮގޯގެ ކުޅުންތެރިން އުފާފާޅު ކުރަނީ - ފޮޓޯ: އޭޕީ

ފައިނަލްގައި އެތުލެޓިކޯ މިނޭރޯ 3-1 ބަލިކޮށް، ފުކޮޕާ ލިބަޓަޑޯރެސް، ފުރަތަމަ ފަހަރަށް ބްރެޒިލްގެ ބޮޓަފޯގޯ އިން ކާމިޔާބުކޮށްފިއެވެ.

އާޖެންޓީނާގެ ބިއުނޯސް އައިރެސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ގާތްގަނޑަކަށް 80 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު ބޮޓަފޯގޯ އަށް މައްސަލަތައް ކުރިމަތިވީ، 29 ވަރަކަށް ސިކުންތުގެ ތެރޭގައި އެތުލެޓިކޯ މިނޭރޯގެ ފައުސްޓޯ ވޭރާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ގްރެގޯރޭ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެ ޓީމަށް މުޅި މެޗުގައިހެން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

ނަތީޖާއެއްގެ ގޮތުން، ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކުރަމުން ދިޔައީ ވެސް އެތުލެޓިކޯ މިނޭރޯ އިންނެވެ. އެކަމަކު، ހީކުރިގޮތާ ޚިލާފަށް މެޗުގައި ލީޑު ނެގީ ބޮޓަފޯގޯ އިން ނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން 10 މިނެޓަށް ވެފައިވަނިކޮށް، އެ ޓީމަށް މި ލަނޑު ޖަހައިދިނީ ލުއިޒް ހެންރީކް އެވެ. އަދި، އޭގެ ފަހުން، މި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އަލެކްސް ޓެލޭސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

އެތުލެޓިކޯ މިނޭރޯ އިން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗިލީގެ ތަޖުރިބާކާރު ފޯވާޑް، އެޑުއާޑޯ ވާގަސް އެވެ. 

ބޮޓަފޯގޯގެ ތިންވަނަ ލަނޑު، މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫނިއާ ސަންޓޯސް އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ސަންޓޯސް ޖެހި 10 ވަނަ ލަނޑެވެ. އޭނާ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ. 

މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ބްރެޒިލްގެ ދެ ކްލަބެއް ފައިނަލްގައި ކުޅުނު ހަތަރުވަނަ ފަހަރެވެ. އަދި، މި ފަހަރުގެ މުބާރާތުގެ ތައްޓާއެކު ކޮޕާ ލިބަޓަޑޯރެސްގެ މިދިޔަ ހަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައި މިވަނީ ބްރެޒިލްގެ ކްލަބުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު