ENGLISH

10 އޭޕްރީލު 2025

Advertisement

ޑޯޓްމުންޑް އާއި ބަޔާންގެ މެޗު އެއްވަރުވި އިރު ކޭން އަށް އަނިޔާވެއްޖެ

01 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ޑޯޓްމަންޑް އަދި ބަޔާން ބައްދަލު ކުރި މެޗުގެ ތެރެއިން - ފޮޓޯ: ގޫގުލް

ޖަރުމަނު ލީގުގައި ރޭ ކުޅުނު "ޑަ ކްލަސިކާ" މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކުގެ މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާންގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން އަށް ވަނީ އަނިޔާވެފައެވެ.

މި ނަތީޖާއާ އެކު އަދިވެސް އެއްވަނައިގައި އުޅެނީ ބަޔާން އެވެ. އެ ޓީމަށް 12 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ އެއިންޓްރަކްޓް ފްރޭންކްފާޓަށް 11 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. ހަމަ މި އަދަދަށް ޕޮއިންޓް ހަމަކޮށްގެން ތިން ވަނައިގައި، ލަނޑުގެ ތަފާތުން ބަޔާ ލެވަކޫސަން އޮތްއިރު، ހަތަރު ވަނައިގައި އޮތީ އާރްބީ ލީޕްޒިގެވެ.

ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މި މެޗު ފެށިގެން 27 ވަނަ މިނެޓުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭމީ ގިޓެންސް އެވެ. އޭގެ ކުރީން، މެޗުގެ 17 ވަނަ މިނެޓުގައި ޑޯޓްމުންޑްގެ ޑިފެންޑަރު، ވަލްޑެމާރް އެންޓޯން އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ބަޔާންގެ ފޯވާޑް، ކޭންގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވެސް ވަނީ ބަދަލުކޮށްފައެވެ. ކޭންގެ ބަދަލުގައި ކުޅެން އެރީ ޖަރުމަނުގެ ކުރީގެ ފޯވާޑް، ތޯމަސް މުލާ އެވެ.

މެޗުގެ ދެވަނަ ހާފު ބަޔާނުން ރަނގަޅަށް ފެށި ނަމަވެސް، ލިބުނު ގިނަ ފުރުޞަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ބަޔާނުން އެއްވަރުކުރި ލަނޑު، 85 ވަނަ މިނެޓުގައި ޖަހައިދިނީ ޖަމާލް މުސިއާލާ އެވެ. މިއީ އެ ޓީމުގެ ފްރާންސް ވިންގް، މައިކަލް އޮލީސޭ ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މުސިއާލާ ޖެހި ލަނޑެކެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.

ބަޔާންގެ ފޯވާޑް ލައިންގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ކޭން އަށް އަނިޔާވުމަކީ އެ ޓީމަށް ކުރިމަތިވީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެކެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޭން ވަނީ ބަޔާނަށް ލީގުގައި ކުޅެދިން 12 މެޗުގައި 14 ލަނޑު ޖަހައިދީފައެވެ. އަދި، ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ކޭން ޖެހި ލަނޑުގެ އަދަދު ވަނީ 20 އަށް އަރައިފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޔޫނިއަން ބާލިން އަތުން ލެވަކޫސަން މޮޅުވީ 1-2 އިންނެވެ. މި މެޗުގައި ލެވަކޫސަންގެ ލަނޑުތައް ޖަހައިދިނީ ޖެރެމީ ފްރިމްޕޮންގް އާއި ޕެޓްރިކް ޝިކް އެވެ. ޔޫނިއަން ބާލިންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ވޫ-ޔެއޮންގ ޖެއޮންގ އެވެ.

ކިޔުންތެރިންގެ ހިޔާލު