ENGLISH

16 އޭޕްރީލު 2025

Advertisement

ވެސްޓް ހޭމް ބަލިކޮށް އާސެނަލް ދެވަނަ އަށް

01 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ޢާސެނަލްގެ ކުޅުންތެރިން - ފޮޓޯ: ގޫގުލް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ބަލިކޮށް އާސެނަލް ދެވަނަ މަގާމަށް އަރައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 5-2 އިންނެވެ.

މި ނަތީޖާއާ އެކު އާސެނަލް ދެވަނައިގައި އޮތީ 13 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނައިގައި އުޅޭ ލިވަރޕޫލާ އާސެނަލްއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލަށް އެއްމެޗު މަދުން ކުޅެގެން ލިބިފައި ވަނީ 31 ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވި ވެސްޓް ހޭމް އޮތީ ތަވާލްގެ 14 ވަނައިގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 36 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމުން ލީޑު ނެގީ 10 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނަގައިދިން ކޯނަރެއްގެ އެހީގައި ގެބްރިއެލް މަގަލޭޝް އެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ސަކާ ހުސްކޮށްލާފަ ދިން ޕާހަކުން ލެއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

އޭގެ ހަތް މިނެޓު ފަހުން، ސަކާ އަށް ޕެނަލްޓީ އޭރިޔާ ތެރެއިން، ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން، ޓްރޮސާޑް ދިން ޕާހަކުން ކައި ހަވާޓްޒް ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ވެސްޓް ހޭމުން ޖެހި ފުރަތަމަ ލަނޑު، 38 ވަނަ މިނެޓުގައި އާރޮން ވަން-ބިސާކާ ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ސީދާ ހިލޭޖެހުމަކުން އެމާސަން ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސަކާ ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ވަނީ ފަރަގު ތިން ލަނޑަށް ބަދަލުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު