ENGLISH

11 ނޮވެމްބަރު 2025

Advertisement

ދިވެހި ޖުމްހޫރީ ވެރިކަމުގެ ތާރީޚާއި، ޖުމްހޫރިއްޔަތުގެ މަފުހޫމުގެ މާަނަތަކަށް ނަޒަރެއް

11 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުއްމުވުލް އަމީރު މުޙައްމަދު އަމީން މަގާމުގެ ހުވައިކުރެއްވުމުގެ ދަރުބާރުގެ ތެރެއިން

ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ބޮޑު ބައެއްގައި ރާއްޖޭގެ ވެރިކަން ހިނގަމުންއައީ ރަސްކަމުގެ ނިޒާމަކަށެވެ. އިހުގައި ރަސްކަން ހިނގަމުންއައީ ލިިޔެވިފައި އޮތް ދުސްތޫރެއް ނެތް ނަމަވެސް، އުރުފާއި އާދަކާދައިގެ ތެރޭގައި ބިންވަޅުނެގިފައި ހުރި އުސޫލުތަކެއްގެ ތެރެއިންނެވެ. ނުލިޔެވޭ ދުސްތޫރެއްގެ މަތީގައެވެ.

1932 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލިޔެވިފައިވާ ދުސްތޫރީ ނިޒާމެއްގެ ތެރެއިން ރަސްކަން ހިންގަން ފެށުނު ނަމަވެސް މާ ގިނަ ދުވަހެއް ނުވެ މި ދުސްތޫރު ވީދާލައި އުވައިލިއެވެ. ކުރިއެކޭ އެއްގޮތަށް ލިޔެވިފައި އޮތް ރަސްމީ ދުސްތޫރެއް ނެތި، އުރުފާއި އާދަކާދައިގެ މަތީގައި ހިނގަމުންއައި ދުސްތޫރީ ރަސްކަމެއް ޖުމްހޫރީ ވެރިކަމަކަށް ފުރޮޅިގެންދިޔައީ ރައްޔިތުން އެގޮތް އެދިގެންނެއް ނޫނެވެ. ނަމަވެސް އެއިރު ރާއްޖޭގެ ވެރިކަން ހިންގަވަން ތިއްބެވި ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަތުމުންނެވެ. އަލުން ރަސްކަން އިއާދަކުރީ އަދި އެއަށްފަހު އަނބުރާ ޖުމްހޫރިއްޔާތަކަށް ރުޖޫއަވީވެސް ރައްޔިތުން އެކަމަށް އެދިގެންނެއް ނޫނެވެ. ނުވަތަ ރައްޔިތުން އުތުރިއަރައިގެން ގެނައި އިންގިލާބަކުންނެއް ނޫނެވެ. 

ރާއްޖޭގެ ތާރީހުގައި ރަސްކަމުން ޖުމްހޫރިއްޔަތަށް ދިވެހި ވެރިކަން ބަދަލުވީ އެއިރު ދިވެހިރާއްޖޭގެ ވެރިކަމަށް އެންމެ އެކަށޭނެ ބޭފުޅެއްކަމަށް ރާއްޖޭގެ ކަމުވޮށިގެންވާ ގިނަ ބޭފުޅުންނަށް އިއްތިފާގުވެވަޑައިގެންނެވުނު ސުއްމުވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގަންނަވާން ބޭނުންފުޅުނުވެގެން އެކިލެގެފާނަށް ރާއްޖޭގެ ވެރިކަން ކުރެއްވޭނެ ގޮތެއް ފަހިކުރުމަށް ކުރެވުނު މަސައްކަތުންނެވެ. އެފަހަރު ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ފެށުނީ 1953 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުއެވެ. 

ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ގެނެވުނީ އެއިރު ބޮޑުވަޒީރުކަމުގައި ހުންނެވި ސުއްމުވުލް އަމީރު އިބްރާހީމް ނާސިރު އެގޮތް ބޭނުންފުޅުވެގެން އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން އެ ވޯޓުން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ޖުމްހޫރީ ވެރިކަމެއް ބޭނުންވާކަމަށް ކަނޑައެޅުމުންނެވެ. 1968 ވަަނަ އަހަރުގެ މާރިޗު 15 ވަނަ ދުވަހު ނެގި ވޯޓުގައި 81 އިންސައްތަ ރައްޔިތުން ތާއީދުކުރީ ޖުމްހޫރީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްވެ. 

މިދެންނެވުނު ޖުމްހޫރީ ވެރިކަމުގެ ފުރަތަމަ ރައީސްކަަމަށް އިންތިހާބުވެވަޑައިގަތީވެސް ނާސިރެވެ. ވެރިކަމުގެ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ނާސިރު ހަވާލުވެވަޑައިގަތީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުއެވެ. މިއަދު އަޅުގަނޑުމެން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މި ދުވަހެވެ. އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެރިކަމުގެ ހުވައިކުރެއްވި ދުވަހެވެ. 

ދެވަނަ ޖުމްހޫރިއްޔާގެ ތެރޭގައި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ތަފާތު ބަދަލުތައް ގެނެވި އިސްލާހުކުރެވުނެވެ. އެ އިސްލާހުތަކުގެ ތެރެއިން އެންމެ ފަހުން ގެނެވުނު އިސްލާހާއެކު މިހާރު އަމަލުކުރަމުންދާ ދިވެހިޖުމްހޫރިއްޔާ ގާނޫނުއަސާސީ 2008 އަށް އަމަލުކުރަން ފެށިތާ މިހާރު 16 ވަރަކަށް އަހަރުވީއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ފިޔަވައި އެހެން ހުރިހާ ރައީސުން ދުނިޔޭގައި އެބަތިއްބެވިއެވެ. 

އައު ގާނޫނުއަސާސީއަށްފަހު މިނިވަން ޑިމޮކްރެޓިކް މާހައުލެއް ރާއްޖޭގައި ގާއިމުކުރެވި ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ވާދަވެރި ސިޔާސީ ވެށި ހުޅުވައިލެވިގެންދިޔައެވެ. އެ ގާނޫނުއަސާސީގެ ދަށުން ގިނަ ޕާޓީ ވާދަކުރި ހަތަރު ރިޔާސީ އިންތިހާބު ބޭއްވިއްޖެއެވެ. މި ނިޒާމުގެ ތެރެއިން ފަސް ރައީސަކު ވެރިކަންކުރައްވައިފިއެވެ. އެހެންކަމުން ޖުމްހޫރީ ވެރިކަމުގެ ނިޒާމު އޭގެ ފުރިހަމަ މާނާގައި ދިވެހިން މިއަދު މިދަނީ ތަޖުރިބާކުރަމުންނެވެ. 

އެހެންކަމުން މި ތާރީހީ ދުވަހުގައި ޖުމްހޫރިއްޔަތުގެ މަފުހޫމާއި، އެ މަފުހޫމުގައި އެކުލެވޭ މާނަތަކާމެދު ފުންކޮށް ވިސްނައިލުމަކީ ވަރަށް އެކަށޭނެ މުނާސަބު ކަމެކެވެ. 

ޖުމްހޫރީ ވެރިކަމަކީ ނުވަތަ ޖުމްހޫރިއްޔަތަކީ ފިކުރެކެވެ. މި ފިކުރު ފުން ގޮތަކަށް އެންމެ ފުރަތަމަ ތަފުސީލުކުރެވުނީ ގްރީކުގެ ފިލޯސަފަރު ޕްލޭޓޯގެ "ދަ ރިޕަބްލިކް"އޭ ކިޔުނު ފޮތުގައެވެ. އޭނާ ތަސައްވުރެކުރެއްވި ގޮތުގައި ރަނގަޅު ޖުމްހޫރިއްޔަތަކީ ފިލޯސަފަރު ރަސްކަލުން ވެރިކަންކުރައްވާ ނިޒާމުތަކެވެ. އެ ނިޒާމުގައި ރަނގަޅު ވެރިކަން ގުޅިފައި އޮތީ ހިކުމަތާއި އިލްމާއެވެ. 

އެއަށްފަހު އެރިސްޓޯޓަލް އޭނާގެ "ޕޮލިޓިކްސް"ގައި ޖުމްހޫރިއްޔަތުގެ މަފުހޫމު އިތުރަށް ފުޅާކުރައްވައި ޖުމްހޫރިއްޔަތަކީ ރައްޔިތުން ގާނޫނު ހެދުމާއި އިންސާފު ގާއިމުކުރުމުގައި ޒިންމާވާ، އާއްމު ރަނގަޅު ހާސިލުކުރުމަށް ޖަމާއީ ފެންވަރުގައި އަމާޒު ހިފޭ ނިޒާމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. 

އޭގެ ފަހުން ރޯމުގެ ފިލޯސަފަރު ސިސެރޯ ޖުމްހޫރިއްޔަތު އިތުރަށް ބަޔާންކޮށްދެއްވައި އިހުނަށްވުރެ ރައްޔިތުންގެ ދައުރު ފުޅާކުރެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ދައުލަތަަކީ ރައްޔިތުންގެ މިލްކެކެވެ. އަދި ޖުމްހޫރިއްޔަތާމެދު ސިސެރޯ ލިޔުއްވި ގޮތުގައި، އެފަދަ ދައުލަތެއްގައި ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްޔިތުންނަށް ލިބޭ އާއްމު މަންފާއަކީ އެންމެ މަތީ ގާނޫނެވެ. 

"ދަ ޑިސްކޯސަސް އޮން ލިވީ"ގައި ނިކޮލޯ މަކިއަވެލީ ލިޔުއްވާފައިވަނީ، ޖުމްހޫރިއްޔަތަަކީ އެންމެ އިސްތިގުރާރުކަން ބޮޑު ވެރިކަމުގެ ނިޒާމު ކަމަށެވެ. އެ ނިޒާމުގައި އިސްތިގުރާރުކަން ގާއިމުވެފައި އޮތުމުގެ ސަބަބަކީ ތަފާތު އިޖުތިމާއީ ގުރޫޕުތަކުގެ މެދުގައި މަސްލަހަތުތައް ތިލަފަތްހަމަކޮށް ވަޒަންހަމަ ހައްލުތައް ހޯދައިދެވޭތީއެވެ. 

ޖޯންޖެކް ރޯސޯ "ދަ ސޯޝަލް ކޮންޓްރެކްޓް"ގައި ލިޔުއްވާފައިވާ ގޮތުން ސައްހަ ވެރިކަމެއްގެ ޝަރުއިއްޔަތުގެ މަސްދަރަކީ ވެރިކަން އެބައެއްްގެ މައްޗަށް ހިނގާ ރައްޔިތުންގެ ރުހުމާއި، އާއްމު މަގުބޫލުކަމެެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ރުހުން އޮވެގެން ވެރިކަންކުރާ ގޮތަށް ބައްޓަންވެފައި އޮތް ނިޒާމަކީ ޖުމްހޫރިއްޔަތެވެ. ޖުމްހޫރިއްޔަތުގައި ރައްޔިތުންނާއި ވެރިންވެސް ތަބާވަނީ ގާނޫނަށްކަން ފާހަގަކުރައްވައި ރޫސޯ ލިޔުއްވި ގޮތުގައި ޖުމްހޫރިއްޔަތަކީ ގާނޫނުގެ ހުކޫމަތު ހިނގާ ވެރިކަމުގެ ނިޒާމެވެ. 

ފިލިޕް ޕެޓިޓް އޭނާގެ ރިޕަބްލިކަނިޒަމް؛ އަ ތިއަރީ އޮފް ފްރީޑަމް އެންޑް ގަވަމެންޓްގައި ލިޔުއްވި ގޮތުގައި ޖުމްހޫރިއްޔަތަކީ ސަރުކާރުގެ ތަދައްހުލުވުމާއި އިމެއް ނެތް ބާރުވެރިކަމުން ރައްޔިތުން ރައްކާތެރިކޮށްދީ، ތައައްސުފީ ނުވަތަ އާބިޓަރަރީ ބާރުވެރިކަން އެއްވެސް ބަޔަކަށް ލިބިދިނުމުން ސަލާމަތްކޮށްދޭ ވެރިކަމުގެ ނިޒާމެކެވެ. 

މިދެންނެވުނު ފިލޯސަފަރުންނާއި އާލިމުންގެ ވާހަކަފުޅުތަކުން ސާފުކޮށް އިސްތިންބާތުކުރެވެނީ ޖުމްހޫރިއްޔަތުގެ މުހިއްމު މައިގަނޑު ދެ ސިފައެކެވެ. އެއީ ރައްޔިތުންނަށް ވެރިކަން ހިންގުމުގައި ޝާމިލުވުމުގެ އިހުތިޔާރާއި ބާރު އޮތުމާއި، އެ ނިޒާމުގައި ވެރިންނާއި ރައްޔިތުންވެސް ގާނޫނުތަކަށް ބޯލަނބަންޖެހުމެވެ. މި ދެ ސިފައިގެ ސަބަބުން ޖުމްހޫރީ ނިޒާމަކީ ވެރިކަމުގެ އެހެނިހެން ނިޒާމަށްވުރެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެވޭ، ވެރިންގެ ބާރުތައް ބަދެލެވޭ  ނިޒާމެކެވެ. 

ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ އަހަރެއް ނިމި އައު އަހަރެއް ފެށޭއިރު މިދެންނެވި މަފުހޫމުތަކުގެ އަލީގައި މިހާރު މިއޮތް ގޮތަށްވުރެ މިނިޒާމު ފުރިހަމަކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެ ގޮތަށް ނިޒާމު ކުރިއަރުވަމުންދިއުމަކީ  އޮތް ޒިންމާއެކެވެ. ޖުމްހޫރީ ނިޒާމަކަށް ވެރިކަން ފުރޮޅައިލުމުގެ އެންމެ ބޮޑު ފައިދާއަކީ ޒަމާނަށް އަންނަ ބަދަލުތަކާއި، ރައްޔިތުންގެ ބޭނުންތައް ކުރިއަރަމުންދާ މިންވަރަށް ރިއާޔަތްކުރެވިގެން ވެރިކަމުގެ ނިޒާމު ފުރިހަމަކޮށް ކުރިއެރުވުމުގެ ޖާގަ އޮތުމެވެ. 

ކިޔުންތެރިންގެ ހިޔާލު