ENGLISH
11 ނޮވެމްބަރު 2025
ރިޕޯޓުވީ އަނިޔާކުރާކަމުގެ މައްސަލައެއް، ގޮސް ބެލިއިރު 17 ކިލޯގެ މަސްތުވާތަކެތި
11 ނޮވެމްބަރު 2025
|
މައްސަލައިގައި ހައްޔަރުކުރި ޖަޒުލާން. ފޮޓޯ: ޕޮލިސް
މީހަކަށް އަނިޔާކުރާކަމުގެ މައްސަލައެއް ރިޕޯޓުވުމުން މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ގޮސް ބެލިއިރު އެ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނީ، އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއްގައި ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އިދާރާއަށް ރިޕޯޓުވީ، 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ މައްސަލައެކެވެ. މައްސަލަ ހުށަހެޅުމުން ފުލުހުން ރެސްޕޮންޑްކުރުމަށްފަހު އެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވެއެވެ.
އެޕާޓްމަންޓް ބަލައި ފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޖަޒްލާންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން މައްސަލަ ތަޙްޤީގުކުރަމުންދާ ކަމަށެވެ.