ENGLISH

11 ނޮވެމްބަރު 2025

Advertisement

އެސްޑީއެފްސީގެ ނަން 'އެސްއެމްއީ ޑިޖިޓަލް' އަށް ބަދަލުކޮށްފި

11 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން 'އެސްއެމްއީ ޑިޖިޓަލް' އަށް ބަދަލުކޮށްފިއެވެ. 

ކުންފުނީގެ ނަން ބަދަލުކުރީ 30 އޮކްޓޯބަރު 2025ގައި ބޭއްވި ކުންފުނީގެ ޚިއްސާދާރުންގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ފާސްކޮށް، އެމްއެމްއޭގެ ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީ ކޮށްގެން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ. 

އެ ކުންފުނިން އާއްމުކުރި ބަޔާނުގައި ބުނީ، އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށެވެ. 

ކުންފުނީގެ ހިދުމަތްތައް ދެން ބައްޓަންވެގެންދާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުޢާމަލާތްތައް ރަނގަޅަށް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، އަދި މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ވިޔަފާރިތަކުގެ ދަތުރުގެ ކޮންމެ މަރުހަލާއަކަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ވެގެން ދާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

އެސްއެމްއީ ޑިޖިޓަލްއިން ބުނީ، ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލް އާއިއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ކަމަށެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާއި، އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ވަރަށް އަވަހަށް ތަޢާރަފްކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

"މި ރީބްރޭންޑިން އަކީ އީޖާދީ ޙައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުގެ ފެށުމެއް، މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މަޢުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވޭ. އެސްއެމްއީ ޑިޖިޓަލް މިދަނީ މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން." - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން 

ނަން ބަދަލުކުރުމާ ގުޅިގެން، އެ ކުންފުނީގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ފެސިލިޓީތަކުގެ ޝަރުތުތަކާއި ތަފްސީލުތައް ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވެސް ބަދަލެއް ނެތި ދެމިއޮންނާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. 

އެކަމަކު އާ ބްރޭންޑިން އަދި ސިސްޓަމް އިންޓަގްރޭޝަންތަކާ ގުޅިގެން، ކުންފުނީގެ އާންމު ޝަރުތުތަކާއި މާއްދާތައް ހިމެނޭގޮތަށް އަދާހަމަ ކުރެވިފަިއވާކަމަށް އެސްއެމްއީ ޑިޖިޓަލްގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު