ENGLISH
16 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ސަޢުދީ އަތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމު މޮޅުވެއްޖެ
09 ނޮވެމްބަރު 2025
|
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިން ކޯޗާއެކު. ފޮޓޯ: އެމްއޯސީ
މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މުބާރާތް ބާއްވާ، ސަޢޫދީ ޢަރަބިއްޔާ އަތުން ދިވެހިރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު މުހިއްމު މޮޅެއް ހޯދައިފި އެވެ.
މިއީ މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ތުރްކިޔޭ އަތުން ވަނީ ބަލިވެފައެވެ.
ރިޔާދްގައި ކުރިއަށްދާ މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓީޓީގެ ޓީމް އިވެންޓްގައި ކުޅުނު ދެވަނަ މެޗުގައި ސަޢޫދީ އަތުން ރާއްޖެ މޮޅުވީ 3-1 ގޭމުންނެވެ.
ސަޢޫދީއާ ދެކޮޅަށް ރާއްޖޭން އެންމެ ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ، ސީދާ ތިން ސެޓުން ކުރިހޯދައި، ފުރަތަމަ ގޭމް ކާމިޔާބުކޮށްފައެވެ. ރަފާ އާއި ދީމާގެ ޕެއާ އިން މި މެޗު ކާމިޔާބުކުރީ 11-7، 11-7 އަދި 11-2 އިންނެވެ.
ދެވަނަ ގޭމްގައި ރާއްޖޭގެ އައިޝަތު އަލްސާ ނާފިޒް އަތުން ސަޢޫދީގެ ކުޅުންތެރިޔާ މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. އެއީ، 11-4، 11-8 އަދި 11-8 އިންނެވެ.
އެއަށްފަހު ކުޅެވުނު ތިންވަނަ ގޭމްގައި ސިންގަލްސްގައި ރާއްޖޭގެ ދީމާ ވަނީ ސީދާ ތިން ސެޓުން ސަޢޫދީ ކުޅުންތެރިޔާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ، 11-2، 11-3 އަދި 11-4 އިންނެވެ.
ޓީމް އިވެންޓްގައި ދެން ކުޅެވުނު ސިންގަލްސްގެ ތިންވަނަ ގޭމްގައި ރާއްޖޭގެ ރަފާ ވަނީ، 11-8 އާއި 11-7 އިން ސަޢޫދީގެ ކުޅުންތެރިޔާ ބަލިކޮށްފައެވެ.
މި މަހުގެ 7 އިން ފެށިގެން 21 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ފެތުމާއި ޓޭބަލް ޓެނިސްގެ އިވެންޓުގައެވެ.
ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ބައިވެރިވީ، ޓީޓީ އާއި ފެތުމުގެ އިތުރުން ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް ގައެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ލޯ މެޑެލް ހާސިލްކޮށްފައެވެ.