ENGLISH

08 ނޮވެމްބަރު 2025

Advertisement

ޕީއެންސީގެ ޖަލްސާއަށް ދައުވަތު ދިނުމަށް މަގު މައްޗަށް

08 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީޕަލްްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ބާއްވާ "ދިވެހީންގެ ރާއްޖެ" އެއްވުމަށް މާލޭ ސަރަހައްދާއި މާލޭ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ދައުވަތު ދިނުމުގެ ހާއްސަ ބޮޑު ހަރަކާތެއް މިއަދު ހެނދުނު ފަށައިފިއެވެ. 

މިއަދު ހެނދުނު ކޮންގްރެސް ޕާޓީގެ ހަރުގޭގައި މި ހަރަކާތް ފެށުމަށް އެއްވުމެއް ބާއްވާފައިވެއެވެ. އެ އެއްވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި، ކޮންގުރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ބައިވެރިވެވަޑައިގަތެވެ. 

އެ ބޭފުޅުންގެ އިތުރަށް ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންނާއި، މާލޭ ސަރަހައްދުގައި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުރަށް އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންވެސް މިއަދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތަަށްފަހު މީޑިޔާއާ ވާހަކަދައްކަވަމުން ޕީޖީ ގުރޫޕުގެ ލީޑަަރު ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ ހަރަކާތަކީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އޮންނަ ޖަލްސާއަށް އައުމަށް މާލޭ ސަރަހައްދުގައި އަދި މާލޭ ކައިރީ ބައެއް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދައުވަތު ކާޑު ބެހުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. 

އޭނާ ވިދާޅުވީ 14 ވަނަ ދުވަހުގެ ރޭ އޮންނަ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން އަންނާނެއެވެ. މި ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރެއްހަައި ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ޝުކުރު ދެންނެވުމަށް ބާއްވާ ޖަލްސާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ. 

ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި 14 ވަނަ ދުވަހުގެ ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަތް ބަލައިގަނެ ރައްޔިތުން މި ސަރުކާރާއެކު، އަދި ރައީސް ޑރ.މުޢިއްޒާއެކު ތިބިކަން ސާބިތުކޮށްދިނުމަށެވެ. އަދި ރައްޔިތުން މި ޖަލްސާގައި ބައިވެރިވާނީ ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅަށްކަން ގަބޫލުކުރެވޭތީއާއި ވާދަވެރި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އެ ރައްޔިތުން ގަބޫލުނުކުރާތީއެވެ. 

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބާއްވާ މި ޖަލްސާއަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ޕާޓީން ބާއްވާ މިފަދަ ބޮޑު ފުރަތަމަ އެއްވުމެވެ. 

ކިޔުންތެރިންގެ ހިޔާލު