ENGLISH
08 ނޮވެމްބަރު 2025
ރައްޔިތުން ޕީއެންސީ ޖަލްސާއަށް އަންނަނީ ރައީސާއެކު ތިބިކަން ސާބިތުކޮށްދޭން: އަބްދުއްރަހީމް
08 ނޮވެމްބަރު 2025
|
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: އެމްއެމްޓީވީ
މި މަހުގެ 14 ވަނަ ދުވަހު، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އިން މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއެކު ދިވެހި ރައްޔިތުން ތިބިކަން ސާބިތުކޮށްދިނުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގުރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު މާލޭ ސަރަހައްދާއި މާލެ ކައިރި ރަށްރަށުގައި ހިންގާ ބޮޑު ހަރަކާތް ފެށުމަށް ކޮންގްރެސް ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަހީމް ވިދާޅުވީ މި ޖަލްސާއަށް ރައްޔިތުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ.
އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މި ޖަލްސާގެ ތެރެއިންވެސް އުންމީދު އައުވާނެ އިތުރު އެތައް ކަމެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ދައްކަވާ ވާހަކަފުޅުގެ ތެރެއިން ރައްޔިތުންނަށް އުންމީދު ލިބިގެންދާނެ އެތައް ކަމެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
އިތުރަށް އަބްދުއްރަހީމް ފާހަގަކުރެއްވީ ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުުރުފުޅުތައް ނިމުނު ހަފުތާ ތެރޭގައި ނިންމަވައިލެއްވިއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރަައްގީގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ފެށިފައިވާ ކަމެވެ. އަދި ފާއިތުވި ބުރާސްފަތި ދުވަހަކީ އެއް ފަހަރާ އެންމެ ގިނަ މަޝްރޫއު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު ދުވަސްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ، ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި އަަބްދުއްރަހީމް ވިދާޅުވީ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗަށް ދިވެހި ރައްޔިތުން ޖަމާވަނީ ވާދަވެރި ފިކުރުގެ މީހުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާތީ ކަމަށާއި، އެ އެއްވުމުން ރާއްޖެ އޮތީ ކިހިނެއްކަން އަދި ރައްޔިތުން ތިބީ ކިހިނެއްކން ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.