ENGLISH
08 ނޮވެމްބަރު 2025
އެއްގަމު މަސް ބަންދުކުރާ ކުންފުނިތަކާ ގުޅޭ ތަހުގީގެއް ހިންގަން ޓުރަމްޕު އަންގަވައިފި
08 ނޮވެމްބަރު 2025
|
އެމެރިކާގައި އެއްގަމު މަހުގެ އަގު އިންތިހާއަށް ބޮޑުވެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވޭ، ފޮޓޯ: ރޮއިޓާސް
ތަކެތީގެ އަގު ބޮޑުވުމުގެ ސަަބަބުން ބޮޑެތި ފިއްތުންތަކެއް އެމެރިކާގެ ރައީސްް ޑޮނާލްޑް ޓުރަމްޕުގެ ސަރުކާރަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެއްގަމު މަހުގެ އަގުތައް މަސް ބަންދުކުރާ ކުންފުނިތަކުން ވަކި ގޮތަކަށް ބައްޓަންކުރަމުންދޭތޯ ބެލުމަށް އެމެރިކާ ސަރުކާރުން ތަހުގީގެއް ފަށައިފިއެވެ.
ޓްރޫތް ސޯޝަލްގައި ހުކުރު ދުވަހު ޝާއިއުކުރެއްވި ޕޯސްޓެއްގަައި ރައީސް ޓުރަމްޕު ވިދާޅުވީ ނަހަމަ ގުޅުންތަކުގެ ތެރެއިން ގެރި މަހުގެ އަގު ބޮޑުވާނެ ގޮތަށް އެއްގަމު މަސް ބަންދުކުރާ ކުންފުނިތަކުން އަމަލުކުރާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކުރުމަށް ޖަސްޓިސް ޑިޕާޓުމެންޓަށް އަންގަވާފައިވާނެ ކަމަށެވެ.
އެމެރިކާގައި ހުއިހައްޕާ މީހުން ހިމާޔަތްކުރައްވާނެ ކަމަށާއި، ހުއިހައްޕާ މީހުންގެ ބޮލުގައި އެއްގަމު މަހުގެ އަގު ބޮޑުވުމާ ގުޅުވައިގެން އަޅުވާ އިލްޒާމުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުގައި ތުހުމަތުކުރައްވަމުން ޓުރަމްޕު ވިދާޅުވީ ހަގީގަތުގައި އެއްގަމު މަހުގެ އަގު އުފުލިގެން އުޅެނީ ބޭރުގެ ފަރާތްތަކުގެ މިލްކުވެރިކަން އޮތް މަސް ބަންދުކުރާ ކުންފުނިތަކުން އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށެވެ.
ޓުރަމްޕު ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރެއްވީ އިންފުލޭޝަން ދަށްކުރެއްވުމުގެ ސިޔާސަތެއްގެ މަތީގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިންފުލޭޝަން މަތިވާ މިންވަރު މަޑުޖެހުނު ނަމަވެސް ޖުމްލަކޮށް އިންފްލޭޝަން ތިރިކުރެވިފައިނުވެއެވެ.
ވައިޓްހައުސްއިން ބުނި ގޮތުގައި އެމެރިކާގައި އެއްގަމު މަސް ޕްރޮސެސްކުރުމުގެ ބާޒާރުގެ 85 އިންސައްތަަ ކޮންޓްރޯލުކުރަނީ ބޮޑު ހަތަަރު ކުންފުނި ކަމުގައިވާ ޖޭބީއެސް، ކާގިލް، ޓައިސަން ފުޑްސް އަދި ނޭޝަނަލް ބީފްއިންނެވެ.
އެހެންކަމުން އެމެރިކާ ސަރުކާރުން ބަލަން ބޭނުންވނީ މި ހަތަރު ކުންފުނިން އެންޓިޓްރަސްޓު ގާނޫނުތަކާ ހިލާފަށް، ގުޅިގެން ވަކި އަގުތަކެއް ކަނޑައެޅުން ނުވަތަ ގާބިލުކަން އިތުރުކުރުމަށް ހުރަސްއެޅުން ފަދަ އމަލެއް ހިންގާފައިވޭތޯއެވެ. އަދި ގާނޫނާ ހިލާފަަށް ގުޅިގެން މި ކުންފުނިތަކުން އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަމެއް މި ތަހުގީގުގެ ތެރެއިން ހޯދޭނެއެވެ.
މި އަަހަރު ތެރޭގައި އެމެރިކާގައި ގެރި މަހުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުމާއެކު، ޓުރަމްޕުވަނީ ތަކުރާރުކޮށް އެކިފަހަރުގެ މަތިން ގެރި މަހުގެ އަގު ތިރިކުރައްވަން ވައުދުވެވަޑައިގެންފައެވެ. ގެރި މަހުގެ އަގު މަތިވީ އެމެރިކާގައި ގެރިބަކަރި ގެންގުޅޭ މިންވަރު ވަރަށް ބޮޑަށް މަދުވުމާ ގުޅިގެންނެވެ.
އެއްގަމު މަހުގެ އަގު ތިރިކުރެއްވުމުގެ ގޮތުން އާޖެންޓީނާއިން ހެޔޮ އަގުގައި ގެރިމަސް އެމެރިކާއަށް އެތެރެކުރައްވަން ވިސްނަވާކަމަށްވެސް ޓުރަމްޕު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެމެރިކާގެ މޯގޭޖު ރޭޓުތައް ދަށަށް ގެންނެވުމުގެ މަގުސަދުގައި އިންޓަރެސްޓު ރޭޓުތައް ދަށްކުރުމަށް ޓުރަމްޕު ގެންދަވަނީ މަރުކަޒީ ބޭންކަށް ފިއްތުން ކުރިމަތިކުރައްވަމުންނެވެ.
ޓުރަމްޕު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓު ނިންމަވައިލެއްވީ ކޮންޒިއުމަރުން ހިމާޔަތްކޮށް، ގާނޫނާ ހިލާފު މޮނޮޕޮލީތަކާ ދެކޮޅަށް މަސައްކަތްކޮށް، އެމެރިކާ ރައްޔިތުން ގުރުބާނުކުރުމަށްފަހު ކުންފުނިތަކަށް ޣައިރު ގާނޫނީ ގޮތުން މަންފާ ނުހޯދޭނެކަން ކަށަވަރުކުރަންޖެހޭކަމަށް ވިދާޅުވަމުންނެވެ.