ENGLISH
08 ނޮވެމްބަރު 2025
މި މަހުގެ 14 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވާނެ: ފަލާހު
08 ނޮވެމްބަރު 2025
|
ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: އެމްއެމްޓީވީ
ވެރިކަންކުރާ ޕީޕަލްސް ނޭޝަަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން "ދިވެހީންގެ ރާއްޖެ" ނަމުގައި މި މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވާނެ ކަމުގައި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ އެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް ފެށުމަށް ކޮންގުރެސް ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ހަރަކާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދެ އަހަރު ދުވަސްވުމާ ގާތަށް އައިއިރު ބޮޑު އެއްވުމެއް ބޭއްވިފައި ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަގުނަ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ނަމަވެސް ޕީއެންސީގެ ސަޕޯޓަރުން އެދެނީ އެއްތަނަކަށް ޖަމާވެ ރައީސަށް ޝުކުރު އަދާކުރަން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްޕުޅު ކުރައްވަައިފި. މުޅި ރާއްޖޭގައި ތަރައްގީގެ އެތައް މަސައްކަތްތަކެއް (ފައްޓަވައިފި). މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި. ވަރަށް ގިނަ ކަންކަން ކުރައްވައިފި. އެހެންވީމާ އަޅުގަނޑުމެން ރައްޔިތުން އެބަ ބޭނުންވޭ އެއްތަނަކުން އެއްވެ ރައީސަށް ހާއްސަ ޝުކުރެއް ދަންނަވައިލަން،" ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި 14 ވަނަ ދުވަހު އާާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާއަކީ ރައީސަށް ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރުމަށް ބާއްވާ ޖަލްސާއެކެވެ. އަދި އެ ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމުގައި މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ މިއަދު ފެށުނު ހަރަކާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ޖަލްސާއަށް އައުމަށް އެދި ދައުވަތު ކާޑެއް އެރުވުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި 14 ވަނަ ދުވަހުގެ ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ ރައީސް ޑރ.މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ ލީޑާޝިޕުގެ ހުރިހާ ބޭފުޅުންްގެ އެދިވަޑައިގަތުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށްދާ ގޮތަށް މިއަދު ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން މާލޭ އަތޮޅުގެ ބައެއް ސަރަހައްދުގެ ރަށްތަކަށް ދަތުރުކުރައްވާނެ ކަމުގައި ފަލާހު ވިދާޅުވިއެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމުގައިވެސް ވިދާޅުވިއެވެ.