ENGLISH
07 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދިވެހި ދިދަ އުފުލައިދޭނީ ރަފާ އާއި އިމްއާން
07 ނޮވެމްބަރު 2025
|
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބުނު ރަފާ (ކ) އާއި އިމްއާން (ވ) ދިިދަ ހިފައިގެން. ފޮޓޯ: އެމްއޯސީ
ސަޢޫދީ ޢަރަބިއްޔާގެ ރިޔާދްގައި މިއަދު ރަސްމީކޮށް ފެށި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓުންގެ ގޮތުގައި ޤައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމާއި ޤައުމީ ފެތުންތެރިޔާ، އަލީ އިމްއާން ހަމަޖައްސައިފިއެވެ.
ރިޔާދުގެ އެތުލީޓްސް ވިލެޖްގައި ރޭ ބޭއްވި ޚާއްސަ އިވެންޓެއްގައި މި ދެ އެތުލީޓުންނަށް ރާއްޖޭގެ ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް، މުޙައްމަދު ޢަބްދުލް ސައްތާރު (ޗަމްޕީ) އެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ކުޅުންތެރިން ވެސް ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ. ރަފާ އާއި އިމްއާން ވަނީ މީގެކުރީން ބޭއްވި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށް މެޑެލް ހާސިލްކޮށްފައެވެ.
ޤައުމީ ދިދަ ޙަވާލްކޮށްދެއްވުމަށްފަހު، ޢަބްދުލް ސައްތާރު ވިދާޅުވީ، މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހިރާއްޖޭގެ ހުރިހާ އެތުލީޓުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ކޮންމެ ކުޅުންތެރިންއަކަށް ލިބޭނެ ޝަރަފެއް ނޫން ކަމަށާއި، ކޮންމެ އެތުލީޓަކުވެސް މަސައްކަތްކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ، ޤައުމީ ދިދަ އުފުލާލުމުގެ ޝަރަފު ލިބިގަތުމަށް ކަމަށްވެސް ޢަބްދުލްސައްތާރު ވިދާޅުވިއެވެ.
މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ފެތުމާއި ޓޭބަލް ޓެނިސްގެ އިވެންޓުގައެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މި ފަހަރުގެ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މުޙައްމަދު ޖައުޝަން ޝަރީފް އެވެ. ރާއްޖޭގެ ކޮންޓިންޖެންޓުގައި 73 މެންބަރުން ހިމެނެ އެވެ.
ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ބައިވެރިވީ، ޓީޓީ އާއި ފެތުމުގެ އިތުރުން ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް ގައެވެ.