ENGLISH
07 ނޮވެމްބަރު 2025
ކެރަމް ކޮމިއުނިޓީ ޝީލްޑް: ސިންގަލްސް ޗެމްޕިއަންކަން ނާޒިމް އާއި ވިދާދް އަށް
07 ނޮވެމްބަރު 2025
|
ހަސަން ނާޒިމް (ކ) އާއި އައިމިނަތު ވިދާދް. ފޮޓޯ: ސީއޭއެމް
ތިންވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް (ނާނަ) އާއި އައިމިނަތު ވިދާދް ހޯދައިފިއެވެ.
މިއީ އަންނަ ޑިސެންބަރު މަހު މާލޭގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގެ ކުރީން ބާއްވާ އެންމެ ފަހު މުބާރާތެވެ.
ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ސީނިއާ ފިރިހެން ސިންގަލްސް އާއި ޑަބަލްސް ބައިގައި 26 ކުޅުންތެރިން، އަދި އަންހެން ސިންގަލްސް އާއި ޑަބަލްސް ބައިގައި 12 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ހަސަން ނާޒިމް (ނާނަ) ވަނީ 2-1 ސެޓުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނާޒިމް ގެންދިޔައީ، 18-17، 13-17 އަދި 25-13 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލުގައި އައިޝަތު ފައިނާޒް އަތުން އައިމިނަތު ވިދާދް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވިދާދް ކާމިޔާބުކުރީ 25-02، 19-14 އިންނެވެ.
މި މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު ވިޝާމާ އާއި ފާތިމަތު ރަޔާނާގެ ޕެއާ ހޯދީ ފައިނަލްގައި ސީދާ ދެ ސެޓުން އާމިނަތު ޝުބާ އާދަމް އާއި އާމިނަތު ރަޔާނާގެ ޕެއާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ވިޝާމާ އާއި ރަޔާނާގެ ޕެއާ ކާމިޔާބުކުރީ 20-06، 22-05 އިންނެވެ. އަންހެން ޑަބަލްސް ބައިގެ ތިންވަނަ މަގާމު ހާސިލްކުރީ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ އިންނެވެ.
ފިރިހެން ޑަބަލްސް ފައިނަލުގައި އާދަމް އަދީލް އާއި ހާތިމް ހަލީލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މުޙައްމަދު މުންތަސިރު އާއި ޔަމާން ޢަބްދުލް ޖަލީލްގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުން އަދީލް އާއި ހާތިމްގެ ޕެއާ މޮޅުވީ 20-18، 20-06 އިންނެވެ. މި އިވެންޓްގެ ތިންވަނަ މަގާމް ހާސިލްކުރީ އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާންގެ ޕެއާ އެވެ.