ENGLISH
07 ނޮވެމްބަރު 2025
އެއާ ކޯގެ ޑްރޯންގެ އެހީގައި ރާއްޖޭގެ ސަރަހައްދުން ބޭރުގެ ބޯޓެއް އަތުލައިފި
07 ނޮވެމްބަރު 2025
|
ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ހުއްޓުވައިފި އެވެ.
ގައުމީ ދިފާޢީ ބާރުން ބުނީ ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލެންސެއްގައި ރާއްޖޭގެ ސަރަހައްދަށް ގަވާއިދާޚިލާފަށް ވަދެފައިވާ ބޯޓު ފާހަގަކޮށް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އެ ބޯޓާ ހަމައަށް ގޮސް، ބޯޓު ހުއްޓުވައި ސިފައިންގެ ބާރުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.
ދިވެހި ސަރުކާރުން ތުރުކީން ގަނެފައިވާ ސަވައިލެންސް ޑްރޯންތަކުގެ އެހީގައި މިހާރު އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.
އެމްއެންޑީއެފްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން މިދިޔަ ބުދަ ދުވަހު އައްޑޫ ގަމުގައި ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެއާ ސްޓޭޝަން ހުޅުވަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނޮވެމްބަރު 3 ވަނަ ދުވަހު އެވެ.
އެއާ ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެ ގޮތުން ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް ޔަޤީންކޮށްދިނުމުގައި އެމްއެންޑީއެފަށް ހުރިހާ ދާއިރާއަކުން ހުރިހާ މާނައެއްގައި ކަންކަން ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާ އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށެވެ.
އެމްއެންޑީއެފްގެ އެއަރ ކޯ އުފައްދަވާ ވަސީލަތްތައް ހޯއްދަވައިދެއްވާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އުތުރާއި ދެކުނުގައި އެއަރ ސްޓޭޝަންތައް ޤާއިމު ކުރައްވާނެ ކަމަށެވެ. ދެކުނުގައި އެ ސްޓޭޝަން ހުޅުވިގެންދިޔައިރު އުތުރުގައި ށ. އަތޮޅުގެ ފުނަދޫގައި ސްޓޭޝަން ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ ވައިގެ ބާރާއި ކަނޑު އަދި އެއްގަމުގެ ބާރަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލަތްތައް ހޯއްދަވައި ދެއްވުމަކީ ދައުލަތުން ވަރަށް އިސްކަން ދެއްވާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޑީއެފަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ނިންމަވާ އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސްގެ ޤަރާރަކުންނެވެ.
އެއާ ކޯ އާ އެކު 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިފާޢީ ބާރަށް ވަނީ ލިބިފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އަންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައި ވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.