ENGLISH

07 ނޮވެމްބަރު 2025

Advertisement

ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ހުކުރު ޚުޠުބާ

07 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ ހުކުރު ނަމާދުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައި ކަމަށާއި، ނަމަވެސް ހަގީގީ ބާއްޖަވެރިކަމަކީ، ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން" މި މަޢުޟޫއަށް ދިން ހުކުރު ޚުޠުބާގައި ވަނީ، ބާއްޖަވެރިކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށް ކަމަށާއި، އެކަލާނގެ އަށް ކިޔަމަންތެރިވުމުން މެނުވީ އެކަންކަން ހާސިލްނުވާހުށިކަން ހަނދާންކޮށްދީފައެވެ.

ބާއްޖަވެރިކަމަކީ، އިންސާނުން އެ ނިއުމަތެއް ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިޢުމަތް ކަމަށާއި، ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތްއިރު، އެ އެންމެން ވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަން ކަމުގައި ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"އަދި އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނީ، ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށާއި، އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގެވެ. އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމަށްވީހިނދު މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

"ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީޢަތެއްކަން އެނގުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަމާއި ޙައްދުތައް ޤާއިމުކުރުން ކަމަށެވެ. ދަންނާށެވެ! އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެކެވެ. އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންޞާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނެއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

އެ ކަމެއް ހޯދާން މީސްތަކުން މަސައްކަތްކުރަމުން މިދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީޢަތް ވަނީ، ހޯދައިދީފައެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައެވެ. މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމަ އެހެންމެ އިސްލާމީ ޝަރީޢަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. މީގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢުކުރައްވައިފައެވެ. މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުޞޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީނެވެ.  

ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއްނޫން ކަމަށާއި، އެހެނެއްކަމަކު އެއީ އީމާންކަމުގެ މޭވާއެވެ. ދީނަށް އުޅުމުގެ ނަތީޖާއެވެ. ކެތްތެރިކަމުގެ ޖަޒާއެވެ. އަދި އެއީ الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން އަންނަ ތައުފީޤެކެވެ.

ޚުޠުބާ ނިންމާލަމުންވަނީ, އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެތިބެ ބާއްޖަވެރިކަން ލިބިގަތުމަށް ގޮވާލާފައެވެ. އަދި، ބާއްޖަވެރިކަންވަނީ ހަމައެކަނި ދުނިޔެ ޙާޞިލުކުރުމަކުންނޫން ކަމަށާއި، އެ ކަން ވަނީ الله سُبْحَانَهُ وَتَعَالَىއަށް ބޯލަނބައި ކިޔަމަންތެރިވެ، ރުހިވޮޑިގަތުން ލިބިިގެން

ކިޔުންތެރިންގެ ހިޔާލު