ENGLISH
31 އޮކްޓޯބަރު 2025
މާލެ އަތޮޅު ގުރައިދޫއަށް ޚާއްސަ ދުވަހެއް؛ ދެބަފައިންގެ ހުކުރެއް
31 އޮކްޓޯބަރު 2025
|
 
            ގުރައިދޫގައި މިއަދު އިމާމުވެ ހުކުރު ކުރާނީ ދެބަފައިން
މިއަދަކީ މާލެ އަތޮޅު ގުރައިދޫއަށް ޚާއްސަ ދުވަހެކެވެ. އެ ރަށުގެ ދެ މިސްކިތުގަައި މިއަދު އިމާމުވެ ހުކުރު ނަމާދުކޮށް ހުތުބާ ދެއްވާނީ ދެބަފައިންނެވެ. އެއީ ރަށު އަބްދުއް ސަމަދު މުމްތާޒް އާއި އޭނާގެ ފިރިހެން ދަރިފުޅު އަބްދުލް ބާތިން އަބްދުއްސަމަދު އެވެ.
އަބްދުއް ސަމަދު މުމްތާޒް ހުކުރު ކުރާނީ ގުރައިދޫ މަސްޖިދުލް އިޚާ ގަ އެވެ. އަބްދުލް ބާތިން އަބްދުއްސަމަދު ހުކުރު ކުރާނީ މަސްޖިދުއް ސިއްދީޤުގަ އެވެ.
އެެހެން ކަމުން މިއަދަކީ ގުރައިދޫއަށް ޚާއްސަ ދުވަހެކެވެ. ވަކީން ޚާއްސަކޮށް އަބްދުއް ސަމަދުގެ އާއިލާއަށް ވަރަށް އުފާވެރި އެހާމެ ތާރީޚީ ދުވަހެކެވެ.
އަބްދުއް ސަމަދު, އިމާމުވެ ހުކުރު ނަމާދުކޮށް ޚުތުބާކިޔާތާ އަހަރުތަކެއް ވެއްޖެ އެވެ. 1993 ވަނަ އަހަރުން ފެށިގެން ގުރައިދޫގައި އިމާމުވެ ހުކުރު ކުރެ އެވެ. އަބްދުއް ސަމަދަކީ ގުރައިދޫގެ ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. 1996 ވަނަ އަހަރު އެ ރަށުގެ ކުޑަކަތީބުގެ މަޤާމާއި ހަވާލުވި އެވެ. އަދި 1999 ވަނަ އަހަރުން ފެށިގެން ކައުންސިލްތައް ވުޖޫދުވަންދެން ކަތީބުކަން ކޮށްފައިވެ އެވެ.
އޭގެ ފަހުން މާލެ ބަދަލުވުމާއި ހަމައަށް ކައުންސިލްގެ އިދާރީ އެންމެ އިސް ބޭފުޅަކީ އަބްދުއް ސަމަދެވެ.
ފިރިހެން ދަރީންނަކީ ވެސް އޭނާއެކޭ އެއްފަދައިން އިމާމުވެ ހުކުރު ނަމާދު ކުރާނެ އިމާމުންނަށް ވުމަކީ އަބްދުއް ސަމަދުގެ ވަރަށް ބޮޑު އުންމީދެކެވެ. ދެކެމުންދިޔަ ހުވަފެނެކެވެ. ނަމަވެސް ދޮށީ ދަރިފުޅު ކުރިއަށް ދިޔައީ އެހެން ދާއިރާއަކުންނެވެ.
އެކަމަކު ދެވަނަ ދަރިފުޅު އަބްދުލް ބާތިން ތަފާތެވެ. މާލެ ބަދަލުވީއްސުރެ ދެބަފައިން މިސްކިތަށް ދަނީ އެކުއެކީ އެވެ. ބައެއް މިސްކިތްތަކުގައި އިމާމުންގެ ގޮތުގައި ތިބެނީ ސަމަދުގެ ވަރަށް ގާތް އެކުވެރީންނެވެ. އެހެންވީމަ ވަަރަށް ގިނަ ފަހަރު ބަންގި ގޮވަން ބާތިންނަށް ފުރުސަތު ދެ އެވެ.
އެހެން ކަމުން ބާތީން އަކީ ސަމަދުގެ ހުވަފެންތަަކުގައި ހަޤީޤީ ކުލަ ޖައްސައިދޭނެ ދަރިފުޅުކަން އަބްދުއް ސަމަދަށް ޔަަޤީން ކުރެވުނެވެ.
ޒުވާން ޚަތީބުން ތަމްރީނުކޮށް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ޚާއްސަ ތަސައްވުރެކެވެ. އެކަމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވެވި އެވެ. ދައުރުގެ ތެރޭގައި 1,000 ޒުވާނުން ޚަތީބުން ތަމްރީން ކުރުމުގެ މަސައްކަތް ދައުރުގެ އެންމެ ކުރީކޮޅު ފެއްޓެވި އެވެ. ދެ އަހަރުވާން ދާއިރު އެ އަމާޒަށް ވާސިލުވެވޭނެ ކަން ވަނީ ޔަޤީން ކުރެވިފަ އެވެ.
މިހާރުވެސް 500 ވުރެ ގިނަ ޚަތީބުން ވަނީ ތަމްރީނުކޮށް ނިމިފަ އެވެ.
ބާތީން, ޚަތީބު ކަމުގެ ސަނަދު ހާސިލުކުރީ ތިންވަނަ ބެޗްގައި ބައިވެރިވެ އެވެ. ވަރަށް ރަނގަޅު ސްކޯއަކުން ފާސްވެ ސަނަދު ހާސިލުކޮށް މާލޭގެ އެކި މިސްކިތްތަކުގައި ބާތިން ވަނީ އިމާމުވެ ހުކުރު ނަމާދު ކޮށްފަ އެވެ. އަދި ބައެއް ރިސޯޓްތަކުގައި ވެސް އިމާމުވެ ހުކުރު ނަމާދުކޮށްފައިވެ އެވެ.
އަދި މިއަދު އުފަން ރަށުގައި ފުރަތަމަ ފަހަރަށް އިމާމުވެ ހުކުރު ކުރާނެ އެވެ. އެއީ ބާތިންއަށް ވަަރަށް ޚާއްސަ ކަމެކެވެ. އިތުރަށް ޚާއްސަ ވަނީ އަނެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރަނީ އޭނާގެ ބައްޕަ ކަމުގައިވުމެވެ.
"ވަރަށް ބޮޑު އުންމީދެއް ހާސިލުވު މިވީ. އަބަދުވެސް އަޅުގަނޑު ދެކެމުންދާ ހުވަފެނެއް އަޅުގަނޑުގެ ފިރިހެން ދަރީން މި ދާއިރާއިން ކުރިއަށް ދިއުމަކީ," ގިނަ އަހަރުތަކެއްގެ ޚިދުމަތަށް ފަހު މިވަގުތު ރިޓަޔާވެ ހުރި އަބްދުއް ސަމަދު އެމްއެމްޓީވީއާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.
 
                       
                       
                      