ENGLISH

31 އޮކްޓޯބަރު 2025

Advertisement

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން ޑޮލަރު އެބަހުރި

31 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ފިނޭންސް މިނިސްޓަރ ޒަމީރު އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވައިދެއްވަނީ. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކްސްޓާނަލް ސެކްޓަރ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ރަސްމީ ރިޒާވްގެ ތެރެއިން، 200 މިލިއަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

"ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް މެކްރޯ އިކޮނޮމިކް އަންސްޓޭބަލް ހާލަތުން ވީއްލި، ދިވެހި ސަރުކާރުން ދަރަނި، ވަކިން ހާއްސަކޮށް ބޭރުގެ ދަރަނި ގަޑިންގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން އަލުން ހޯދައިފި. ނަމަވެސް، 2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރު. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވޭ. އާންމު ދިވެހި ރައްޔިތުންނަށް އަދި އެކްސްޓާނަލް އޮބްޒާވަރުންގެ މެދުގައި ދިވެހިރާއްޖޭގެ މާލީ މުސްތަގްބަލާ މެދު ނުތަނަވަސްކަން އިހްސާސްވާނެ،" އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ޑޮލަރުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގައި މިކަމަށް މާލީ ވުޒާރާއިން ވިސްނާފައިވާނެ ކަމަށް އިޝާރާތް ކުރައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ފިސްކަލް ޕޮލިސީ އެކަށައެޅުމުގައި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާ އެކީ މެކްރޯ ފިސްކަލް ސްޓެބިލިޓީ ގާއިމްކުރުމަށްޓަކައި މުހިންމު ފިސްކަލް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މި ލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތުގެ އޮޕަރޭޝަނަލް އަމާޒުތަކެއް ބަޖެޓާ އެކީގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު ހުރީ 673.9 މިލިއަން އެމެރިކާ ޑޮލަރުގައެވެ. ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ސަރުކާރުން ގެނައި ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާ އެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ. އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު