ENGLISH

10 މާރިޗު 2026

Advertisement

ޖަޕާނުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

10 މާރިޗު 2026

|

އަޙުމަދު ޙަމީދު

ޖަޕާނުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުން --

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގަ އެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިފްކޯއަކީ ފައިދާގައި ހިންގާ ހަރުދަނާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެއީ ދިވެހި މަސްވެރިކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދެވޭނެ ފަދަ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު