ENGLISH

10 މާރިޗު 2026

Advertisement

ރައީސް ވިލިމާލެއަށް؛ އެ އަވަށުން ފެނުނީ ރައީސަށް އޮތް ތާއީދާއި ލޯބި

10 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ވިލިމާލެއަށް މިއަދު ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިލިމާލެއަށް މިއަދު ވަޑައިގަތުމުން އެ އަވަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 

މިއަދު މެންދުރު ނަމާދަށްފަހު ރައީސް ވިލިމާލެއަށް ވަޑައިގެންނެވިއިރު އެ ރަށުގެ ޖެޓީ ކައިރީގައި ގިނަ އަދަދެއްގެ މީހުން އެމަނިކުފާނުގެ އިސްތިގުބާލަށް ތިއްބެވެ. އެމީހުންނާ ސަލާން ކުރައްވަައި، ވަކިވަކިން އެމީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އެއްސެވުމުގައި ރައީސް ވަގުތު ހޭދަކުރެއްވިއެވެ. 

ވިލިމާލެއަށް ރައީސް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ކޮންގްރެސް ޕާޓީން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންވެސް ބައިވެރިވެވަޑައިގަތެވެ. 

މިއަދުގެ ޒިޔާރަތުގައި ރައީސްވަނީ ވިލިމާލޭގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވައި، އެ އަވަށުުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އުދާސްތައް އަޑުއައްސަވައި ކަންބޮޑުވުންތައް ނޯޓުކުރައްވައި ވަގުތު ހޭދަކުރައްވާފައވެެ. 

ރައީސްގެ މި ޒިޔާރަތުގައި ގޭގެއަށް ވަޑައިގަތުމުގެ އިތުރަށް އެމަނިކުފާނުވަނީ މަގުމަތިން ބައްދަލުކުރެއްވި އާއްމު ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވައި ހިޔާލު ހޯއްދަވައި ހާލު ބެއްލެވުމުގައި ވަގުތު ހޭދަކުރައްވާފައެވެ. 

ރައީސަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ތާވަލެއްގެ ތެރެއިން ކޮންމެ ހަފުތާއަކު މާލޭގެ ގޭގެއަށް ޒިޔާރަތްކުރެއްވި ބޭފުޅެކެވެ. އަދި މިފަހުން އެމަނިކުފާނުވަނީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި އެ ރައްޔިތުންގެ ވިސްނުމާއި ހިޔާލު އޮޅުންފިލުއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ. އަދި ވެރިކަމަށް ދެ އަހަރު ނުވަނީސް ރައީސްވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލު ހޯއްދަވާފައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންެގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރެއްވުމުގެ އެންމެ އިސް ސަފުގައި ރައީސް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ކުރީގެ އެއްވެސް ރައީސަކު ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ނުދެއްވާ ސަމާލުކަން އެމަނިކުފާނު ގެންދަވަނީ މި އިންތިހާބަށް ދެއްވަަމުންނެވެ. ކޮންގްެރެސް ޕާޓީން ބުނެފައިވަނީ ރައީސް މި އިންތިހާބަށް ދެއްވާ ސަމާލުކަމަކީ ލާމަރުކަޒީ ނިޒާމާމެދު އެމަނިކުފާނު ބަހައްޓަވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު