ENGLISH

30 އޮކްޓޯބަރު 2025

Advertisement

ލަންޑަނުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސް ތައްޔާރުވެއްޖެ

29 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

2024 ވަނަ އަހަރު ލަންޑަނުގައި ބޭއްވި ފެއާގައި ރާއްޖެ އިޝްތިހާރުކޮށްފައި. މިއަހަރުގެ ފެއާއަށް ވިޒިޓް މޯލްޑިވްސް އިން އަންނަނީ ތައްޔާރުވަމުން.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބާއްވާ އަހަރުގެ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025)ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމުގެ ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކޮންމެ އަހަރަކު ޝާއިއުކޮށް ނެރޭ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026" ވެސް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮންމެ އަހަރަކުވެސް ވިޒިޓް މޯލްޑިވްސްއިން ނެރެމުން އަންނަ ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގައި ފަތުރުވެރިންނަށް ހުންނަ އެކި ފުރުސަތުތަކުގެ އެންމެ ފަހުގެ އަދާހަމަޔާ އެކު، ރާއްޖޭގެ ރަށްރަށާ ބެހޭ މައުލޫމާތާއި،  ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތާއި، ޓްރެވަލް ސްޓޯރީތަކާއި، އިންޑަސްޓްރީ ކޮންޓެކްޓްތައް ހިމެނޭ ޑެސްޓިނޭޝަން ގައިޑެކެވެ.

މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް އަހަރުގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ އެއް ފެއާކަމުގައި ބަލައިގަންނަ ޑަބްލިއުޓީއެމްގައި ބައިވެރިވެ، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގިނަ ފަރާތްތަކަކާ ބައްދަލުވެ، ރާއްޖެއާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު މި ފެއާގެ ތެރެއިން ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. 

މިއަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން، 160 ފަރާތެއް ބައިވެރިވެ، މިއަހަރުގެ ޑަބްލިއުޓީއެމްގައި ދިވެހިރާއްޖޭގެ ހިއްސާ ބޮޑުވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. 

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގާއިމްކުރާ 650 އަކަ މީޓަރުގެ ސްޓޭންޑުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓޭންޑުގައި 46 ކޯ-އެގްޒެބިޓަރ ކައުންޓަރާއި، 55 ބީ2ބީ މީޓިން ޓޭބަލްގެ އިތުރުން، އިންޑަސްޓްރީ މީޓިންތަކަށް ހާއްސަ ތިން އޭރިއާއެއް ގާއިމުކުރާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. 

ލަންޑަނުގައި ފެއާ އޮންނާނީ ނޮވެމްބަރު 4 އިން 6 އަށެވެ. 

ކިޔުންތެރިންގެ ހިޔާލު