ENGLISH
29 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ބީއެމްއެލްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާޙުކޮށްދެއްވައިފި
29 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ، ބީއެމްއެލްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާޙުކޮށްދެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާޙުކޮށްދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކެމްޕޭން އިފްތިތާޙުކޮށްދެއްވީ ބާސެލޮސް ނަސައްނަދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައެވެ.
މި ހަފުލާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުމަށާއި ބައެއް އައު ޕްރޮޑަކްޓް އިފްތިތާހު ކުރުމަށާއި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ ހަފްލާއެކެވެ. މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން 'ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް' އިފްތިތާޙްކޮށްދެއްވައި ބީ.އެމް.އެލް. އިން އަލަށް ތަޢާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.
މި ހަފްލާގައި ބީ.އެމް.އެލް. އިން ވަނީ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޮމްޕެނީ (އެސް.ޑީ.އެފް.ސީ.)ގެ މައިގަނޑު ހިއްސާ ބޭންކުން ގަތުމަށްފަހު، އެކުންފުނި ރީބްރޭންޑްކޮށްފަ އެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ކާޑު މިހަފުލާގައި އިފްތިތާޙުކޮށްފައިވެއެވެ. މިހަފުލާގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރެވި މުޅިރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާގުޅިގެން އެބޭންކަށް، "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭނަޝިއަލް އިންކްލޫޝަން" އެވޯޑް ލިބިފައިވާތީ އެކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވިހި އަތޮޅެއްގެ 105 ރަށެއްގައި ބީ.އެމް.އެލް. އިން ވަނީ އެބޭންކުގެ އޭ.ޓީ.އެމް. ބަހައްޓާފަ އެވެ. މި ހަފުލާގައި އޭ.ޓީ.އެމް. ތައް ބެހެއްޓުމުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުންގެ އަގުވަޒަންކުރައްވައި ދެއްވި ހަނދާނީ ފިލާ އެ ފަރާތްތަކާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި ދެއްވި އިސްކަމާއި، އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންކަމުގައި އެ ބޭންކުން ފާހަގަކުރެއްވި އެވެ.