ENGLISH

29 އޮކްޓޯބަރު 2025

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މާދަމާ

29 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މާދަމާ ހެނދުނު 9 ޖަހާއިރު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާ ޖަލްސާ އޮންނާނެކަން އިއުލާން ކުރައްވައިފަ އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ތަފްސީލްތައް ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް ރައީސުލްޖުމްޖޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ވިދާޅުވެފައެވެ. މި ހަފުތާގައި ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނައިފަރުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއަރ އަދި ބަލިޖެހޭ ހިސާބުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދެހާސް ސައްބީސް ވަނަ އަހަރުގެ ބަޖެޓް އޮންނަންވާ ގޮތް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާއިރު، ދެ ވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ށ. އަތޮޅު ފުނަދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައި ވިދާޅުވެފައެވެ. އަދި މި ދެ ދާއިރާގެ ތަރައްޤީ ކަށަވަރު ކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވާނޭ އައު މަޝްރޫޢުތަކެއް ބަޖެޓުގައި ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު