ENGLISH
26 އޮކްޓޯބަރު 2025
ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފި
26 އޮކްޓޯބަރު 2025
|
ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ލަފާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީޖީ އޮފީހުން އަންގައިފިއެވެ.
ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ، ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އަހަރު ދުވަސްތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްލާހުކޮށްފައެވެ.
އެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޕީޖީ އޮފީހުން ޖިނާއީ ދަޢުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ޙާލަތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެކަންކަމަށް ރިޢާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަޙުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި ޕީޖީ އޮފީހުން އެކުލަވާލަމުން ދާކަމަށް ބުނެފައިވެއެވެ.
"އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަދު ވާނީ ދަންނަވާފަ" ޕީޖީ އޮފީހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.