ENGLISH

26 އޮކްޓޯބަރު 2025

Advertisement

އެފްއޭއެމުން ބާއްވާ އަތޮޅު ފުޓްބޯޅަ މުބާރާތަށް ފީފާއިން 4.1 މިލިއަން ރުފިޔާ ދޭން ނިންމައިފި

26 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ފީފާގެ ރައީސް ކުރިއަށްގެންދެވި މަޝްވަރާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން 4.1 މިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ. 

ފީފާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ އަތޮޅު ފުޓްބޯޅަ މުބާރާތަށް 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ) ދޭން ނިންމާފައިވާ ކަމަށެވެ. 

ފީފާއިން ބޮޑު އެހީއެއް ރާއްޖެއަށް ދޭން ނިންމިއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ ހުކުރު ދުވަހު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފައެވެ. 

އިންފަންޓީނޯގެ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައި، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ފީފާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އިތުރު މަޝްވަރާތައް އެފްއޭއެމްއާއެކު ވެސް އިންފަންޓީނޯ ވަނީ ކުރިއަށްގެންދަވައިފައެވެ. 

ފީފާއިން މާލީ ބޮޑު އެހީތެރިކަމެއް ލިބިގެންދިއުމަކީ ފުޓްބޯޅައިގެ ކުރިއެރުމަށް ރަނގަޅެކެވެ. އެފްއޭއެމުން އަންނަނީ އަންނަ ސީޒަނުން ފެށިގެން މުޅި ރާއްޖެ ޝާމިލްވާ ފުޓްބޯޅަ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅު ފުޓްބޯޅަ މުބާރާތް ނޮވެމްބަރު މަހު ފަށައި ފެބްރުވަރީ މަހުގެ ކުރީކޮޅާ ހަމައަށް ކުރިއަށްގެންދާނެއެވެ. 

ހަތަރު ޒޯނަކަށް ބަހާލައިގެން އަތޮޅު ފުޓްބޯޅަ މުބާރާތް ރާވާފައިވާ އޮނިގަނޑަށް ފީފާގެ ރުހުން ވަނީ ލިބިފައެވެ. އެގޮތުން ޒޯނުތައް ބަހާލާފައިވަނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އެވެ. 

އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ރީޖަންތަކުގެ ޓީމުތަކަށް އަންނަ ސީޒަނުން ފެށިގެން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިހާރު ކުރިއަށްދާ ލީގުގައި ކުޅޭ 10 ޓީމުގެ ތެރެއިން އެންމެ ފުލަށްދާ ދެޓީމު އޮޓަމެޓިކުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވާނެއެވެ. އަދި، 7 ވަނަ އާއި 8 ވަނަ ޓީމު ވާދަކުރާނީ ލީގު ކޮލިފިކޭޝަނުގައި ވާދަކުރާނެއެވެ. 

ކޮލިފިކޭޝަނުގައި ވާދަކުރާނީ މިހާރު ކުރިއަށްދާ ލީގުން 7 ވަނަ އަދި 8 ވަނަ ލިބޭ ޓީމާއި، ކޮންމެ ޒޯނަކުން ޗެމްޕިއަންކަން ހޯދާ ހަތަރު ޓީމެވެ. އެގޮތުން، ކޮލިފިކޭޝަނުގައި ޖުމްލަ 6 ޓީމެއް ވާދަކޮށް ގަދަ 4 ޓީމު އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ. 

އާ ފޯމެޓުގައި އެފްއޭއެމުން ފަށާ ފުރަތަމަ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތް ފަށާނީ ނޮވެމްބަރު އެއް ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ އާއި ހދ. ނެއްލައިދޫ ވާދަކުރާ މެޗުންނެވެ. 

ކިޔުންތެރިންގެ ހިޔާލު