ENGLISH

26 އޮކްޓޯބަރު 2025

Advertisement

އައްޑޫ ވޯޓުގެ ކަންކަން ކުރިއަށްދިޔައީ ސުލްހަވެރިކަމާއި އަމާންކޮށް: އެޗްއާރުސީއެމް

26 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ވަކި ކައުންސިލް އުފައްދަން ފެނޭތޯ އައްޑޫގައި ކުރިއަށްދިޔަ ވޯޓުލުން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އައްޑޫ ސިޓިގައި ވަކި ކައުންސިލްތަކެއް އުފައްދަން ނެގި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށްދިޔައީ ސުލްހަވެރިކަމާއި އަމާންކޮށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. 

އައްޑޫ ސިޓީގައި ވަކި ކައުންސިލް އުފައްދަން ފެނޭތޯ ވޯޓު ނެގުން ކުރިއަށްދިޔައީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ އިތުރުން ފޭދޫގައެވެ. އެ ތިން ރަށުގެ ތެރެއިން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. ފޭދޫގެ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ. އެ ނިންމުމާއެކު ފޭދޫގެ އިދާރީ ހިންގުން އޮންނާނީ މިހާރުވެސް އޮންނަ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައެވެ. 

ވޯޓުގެ ވަގުތީ ނަތީޖާއަށްފަހު، އެޗްއާރުސީއެމްއިން ރޭ ނެރުނު ބަޔާނުގައި ބުނީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އަދި ފޭދޫ ރައްޔިތުން ދެކޭގޮތް ބެލުމަށް ބޭއްވި އާންމެ ވޯޓުގައި، އައްޑޫ ސިޓީ އާއި މާލޭ ސިޓީގައި ވޯޓުލީ ހުރިހާ މަރުކަޒެއް އެ ކޮމިޝަނުން އޮބްޒާވްކޮށްފައިވާނެ ކަމަށެވެ. އަދި، އެކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާގެ ދަށުން، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް ވޯޓުލުމުގެ ކަންކަން ކޮމިޝަނުން ބަލާފައިވާނެ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ އަމާންކަމާއެކު ވޯޓުގެ އެންމެހާ ކަންކަން ކުރިއަށްގެންދިއުމުގައި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި، އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކޮށްފައިވާ ދައުރާއި ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ޙައްޤު އަދާކުރި ހުރިހާ ފަރާތަކުން ދިމިގްރާތީ ރޫހު ކުރިއަރުވައި ދެމެހެއްޓުމަށް ކުރި މަސައްކަތް އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ. 

ބަޔާނުގައި އެޗްއާރުސީއެމުން ބުނީ ވޯޓު ނެގުމުގެ ކަންކަން ފުރިހަމަކޮށް ކުރިއަށްދިޔަ ނަމަވެސް، ވޯޓުލުން ކުރިއަށްދިޔަ ބައެއް މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަމަށެވެ. އަދި، ބައެއް މަރުކަޒުތަކުގައި އިދާރީ އިންތިޒާމުތައް އިތުރަށް ރަނގަޅުކުރަންޖެހޭކަން ކޮމިޝަންގެ ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު