ENGLISH
26 އޮކްޓޯބަރު 2025
ތިން ބިދޭސީއަކު ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަނިކޮށް ހައްޔަރުކޮށްފި
26 އޮކްޓޯބަރު 2025
|
ހުޅުމާލެ ފުރަތަމަ ފިޔަވަހިން ހައްޔަރުކުރި ތިން މީހުން. ފޮޓޯ: ޕޮލިސް
ތިން ބިދޭސީއަކު ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ދެމީހުންނާއި ޕާކިސްތާނުގެ މީހެއް ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އެމްޑީ ރިޔާސް އުއްދީން، ބަންގްލަދޭޝް (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް، ބަންގްލަދޭޝް (27) އަދި ޔާސިރް ހަމީދު، ޕާކިސްތާން (24އ) އެވެ.
ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް އެމީހުން ހައްޔަރުކުރީ ރޭ ދަންވަރު ހުޅުމާލެ ފުރަތަމަ ފިޔަވަހިންނެވެ.
ފުލުހުން ބުނީ، ހުޅުމާލެ 100 ނަންބަރު ފްލެޓް ކައިރީ އެމީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާ ކަމަށެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހުން ހައްޔަރުކޮށް ފުލުހުން މިހާރު އަންނަނީ މައްސަލަ ތަޙްޤީގް ކުރަމުންނެވެ.
ރޭ ފުލުހުން ބިދޭސީންތަކެއް ހައްޔަރުކުރިއިރު، އޮކްޓޫބަރު 20 ވަނަ ދުވަހު ވެސް ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެދުވަހު ފުލުހުން އާއްމުކުރި މަޢުލޫމާތުގައި ބުނީ ތިން މީހުން ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.