ENGLISH
26 އޮކްޓޯބަރު 2025
އުފާފާޅުކުރުމަށް ހުޅުދޫ އާއި މީދޫގައި މިރޭ ހަވާ އަރުވަނީ
26 އޮކްޓޯބަރު 2025
|
އައްޑޫގައި ކުރިއަށްދިޔަ ވޯޓުލުން. ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު އެ ދެރަށުގެ ރައްޔިތުން މިރޭ އުފާފާޅުކުރުމަށް ވަނީ ހަމަޖެހިފަ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އައްޑޫ ސިޓިގައި އިއްޔެ ނެގި ވޯޓުގައި ވަކި ކައުންސިލެއް އުފައްދަން ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ ވޯޓުން ނިންމުމާއެކު، އެ ދެރަށުގެ ރައްޔިތުން އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
ހަވާ އެރުވުން އިންތިޒާމުކުރަނީ ދެރަށުގެ ރައްޔިތުންނެވެ. އެގޮތުން މިރޭ 8:30 ގައި ހަވާ އެރުވުން ބާއްވަނީ އިތުރު ހަރަކާތްތަކާއެކުއެވެ. ހަރަކާތްތަކުގައި ދެރަށް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އިދާރީ ގޮތުން ވަކިވެ ފޭދު އާއި މީދޫ އަދި ހުޅުދޫގައި ވޯޓުލާން ސަރުކާރުން ނިންމީ، އެކަމާމެދު ގޮތެއް ނިންމައިދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ރައްޔިތުން އެދުމުންނެވެ. އެމައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވޯޓު ނެގުން ކުރިއަށްގެންދިޔައީ އިއްޔެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން 723 މީހުން ވަނީ ވޯޓުލާފައެވެ. ވަކި ކައުންސިލެއް އުފެއްދުމާ ދެކޮޅަށް ވޯޓިލީ 329 މީހުންނެވެ.
މީދޫގައި ނެގި ވޯޓުގައި 847 މީހުން ވަނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުލާފައެވެ. ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ވޯޓުލީ 144 މީހުންނެވެ.
ތިން ރަށުގެ ތެރެއިން ވަކި ކައުންސިލެއް އުފެއްދުމާ ދެކޮޅަށް ޖުމްލަ ނިންމުން ނިންމީ ހަމައެކަނި ފޭދޫންނެވެ. އެރަށުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،784 މީހުން ވޯޓު ދިނެވެ. އެރަށުގައި ވަކި ކައުންސިލެއް އުފައްދަން ބޭނުންވެ ވޯޓުދިނީ 616 މީހުންނެވެ.
ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހޮޅުދޫ އާއި މީދޫގައި ވަކި ކައުންސިލް އުފެދިގެންދާނެއެވެ. ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ވޯޓު ދިނުމާއެކު، ފޭދޫ އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައެވެ.