ENGLISH
09 ނޮވެމްބަރު 2025
އާރްއާރްސީ އިން ކްލަބް މޯލްޑިވްސްގެ ކަޕުގެ ޗެމްޕިއަންކަން ހޯދައިފި
26 އޮކްޓޯބަރު 2025
|
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާރްއާރްސީގެ ކުޅުންތެރިން ޓްރޮފީއާ އެކު. --ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބު 7-5 އިން ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އާރްއާރްސީ އިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ، 2021 ވަނަ އަހަރު ވެސް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެފަހުން، އެ ޓީމުން ފައިނަލުގައި ކުޅުނު ދެ ފަހަރުވެސް ކުރިމަތިވީ ނާކާމިޔާބީއެވެ.
އަނެއްކޮޅުން، މިއީ މި ފަހަރުގެ މުބާރާތުގައި އެސްޓީއޯގެ މައްޗަށް އާރްއާރްސީ ކުރިހޯދި ދެވަނަ ފަހަރު ވެސް މެއެވެ. މި ދެ ޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުން އާރްއާރްސީ މޮޅުވީ 1-0 އިންނެވެ.
އެސްޓީއޯ އަކީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ކުރީކޮޅު ލީޑު ނެގީ ވެސް އާރްއާރްސީ އިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އަލީ ޝާމިސް (ތޮއްޕޭ) މި ލަނޑުޖަހައިދިންއިރު، މި ހާފުގައި އެ ޓީމު ޖެހި ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އޭނާ އެވެ.
އެސްޓީއޯ އަށް އީރާނުގެ އަލީ ހޮދަދާދީ ފަރަގު ކުޑަކޮށްދީފައިވަނިކޮށް، އާރްއާރްސީގެ ބިދޭސީ ކުޅުންތެރިޔާ، މޮހްސެން މޮންތަޒޭމީ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކިންގުގެ ޝަރަފު ހޯދީ އަފްލާްޒް. ފޮޓޯ: ކްލަބް މޯލްޑިވްސް
އޭގެފަހުން، އިސްމާއިލް އީސާގެ ގޯލުން އެސްޓީއޯ އިން އުއްމީދު އާކުރިނަމަވެސް، އެ ޓީމުގެ ގޯލްކީޕަރު، މުޙައްމަދު ޒުހަލް އަތުން ބައިކޮޅަށް ވަތް ގޯލަކުން އާރްއާރްސީން އަނެއްކާވެސް ލީޑު ދެމެހެއްޓިއެވެ.
އާރްއާރްސީގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު، އަހުމަދު އަފްލާޒް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ އާދަމް ނާސިހު (އާދަންނާ) އެވެ.
ފޯރިގަދަ ފައިނަލް މެޗުގެ ފަހުބައިގައި، އެސްޓީއޯ އިން ވަނީ ފަހު ދެ މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައިފައެވެ. މީގެތެރެއިން، ދެ ލަނޑުޖަހައި، އެ ޓީމުގެ އީސާ ހެޓްރިކް ހެދިއިރު، އަނެއް ލަނޑުޖަހައިދިނީ އިމްރާން މުޙައްމަދު (އިންމި) އެވެ.
ފައިނަލް މެޗަށްފަހު ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ޗެމްޕިއަން ޓީމަށާއި، މުބާރާތުގެ ކިންގުގެ މަޤާމަށް ހޮވުނު ކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވައިފައެވެ.
މުބާރާތުގެ ރަނަރަޕް ޓީމް، އެސްޓީއޯ. ފޮޓޯ: ކްލަބް މޯލްޑިވްސް
މުބާރާތުގެ ކިންގުގެ މަޤާމަށް އާރްއާރްސީގެ އަފްލާޒް ހޮވުނުއިރު، އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އަފްލާޒްގެ އިތުރުން އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ގޯލްކީޕަރު، މުޙައްމަދު ލުފްސާން (ޕަފް) އާއި އެސްޓީއޯގެ އަލީ ހައިޝަމް (ޗުމްޕު) އަދި ހޮދާދާދީ އެވެ.
އެންމެ ގިނަ ލަނޑުޖެހީ އާރްއާރްސީގެ އާދަންނާ އާއި ފައިނަލް މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ޝަނާން ރަޝާދު އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގައި ނުވަ ލަނޑުޖަހައިފައެވެ.
އެންމެ މޮޅު ކޯޗަކަށް ނުވަތަ "މާސްޓަރ އޮފް ފުޓްސަލް" ގެ މަގާމަށް އާރްއާރްސީގެ އިސްމާއިލް ޝަރީފް (އިއްސެ) ހޮވުނުއިރު، ފެއާޕްލޭ ޓިމުގެ މަޤާމަށް ހޮވުނީ މޯލްޑިވިއަން އެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް މޯލްޑިވިއަންގެ އިބްރާހިމް ނަދާދު ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކީ އެ ޓީމުގެ މުޙައްމަދު ޢަބްދުﷲ އެވެ. އެންމެ މޮޅު ރެފްރީންނަކީ، ފަހުމީ، މުނީރު، އަހުމަދު، ފާއިޒް އަދި އަމީން އެވެ.