ENGLISH

25 އޮކްޓޯބަރު 2025

Advertisement

ގެދޮރުވެރިކަމުގައި އަނެއްކާވެސް ހެޔޮ ބަދަލެއް؛ ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަނެވޭ ސްކީމެއް

25 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކުން ތައާރަފުކުރި ހައުސިން ސްކީމުވާނީ ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ސްކީމަކަށް

މާލޭ ސަރަހައްދުން ގެދޮރު ގަތުން ފަސޭހަކުރުމަށް ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތައާރަފުކުރަން ނިންމައިފިއެވެ. 

"އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ތައާރަފުކުރާ މި ސްކީމުގެ އުސޫލު މަރުކަޒީ ބޭންކުން މިހާރުވަނީ އާއްމުކޮށްފަައެވެ. މި ސްކީމަކީ މާލޭ ސަރަހއްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސް ހަމަޖައްސައިދިނުމަށް ފަރުވާކޮށްފައިވާ ސްކީމެކެވެ. 

އެމްއެމްއޭއިން އެކުލަވައިލި އުސޫލުގެ ދަށުން ހުރިހާ ބޭންކުތަކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ހާއްސަކުރަންޖެހޭނީ މި ސްކީމަށެވެ. 

މި ސްކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދައްކަންޖެހޭނީ 25 އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ. ނަމަަވެސް ލޯނު ނަގާ މީހާ ބޭނުންވާނަމަ އެއަށްވުރެ އަވަހަށްވެސް ފައިސާ ދެއްކުމުގެ އިޚުތިޔާރު އޮންނާނެއެވެ. 

އެމްއެމްއޭއިން ބުނި ގޮތުގައި އެ އިދާރާގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ ސްކީމުގެ ދަށުން 3،500 ހައުސިން ޔުނިޓަށް ފައިނޭންސް ހަމަޖައްސައިދިނުމެވެ. 

އެމްއެމްއޭއިން އާއްމުކުރި އުސޫލުގެ ދަށުން ދޫކުރާނީ ދެ ބާވަތެއްގެ ލޯނެވެ. އެއީ؛ 1- ލީސް އެންޑިން ވިތު އޯނަޝިޕް، 2- އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން  

ފުރަތަމަ ހިޔާރަކީ ބޭންކުތަކުން ފައިސާ ދޫކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުން ހައުސިން ޔުނިޓުތައް ދޫކުރަން ދޭ އިހުތިޔާރެވެ. މި ސްކީމު ހިންގާ އިދާރާއިން ގެދޮރު އިމާރާތްކޮށް ނިމުމުން އެތަންތަން ގަތުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ފައިނޭންސް ދޫކުރެވެނެއެވެ. 

މި ލޯނު ދޫކުރަންޖެހެނީ އަހަރެއްގެ މައްޗަށް ލޯނުގެ ޕްރިންސިޕަލް އަދަދުގެ ފަސް އިންސައްތައެވެ. ކުލީގެ ގޮތުގައި ދައްކާ ފައިސާ ދައްކައި ތަނުގެ އަގު އަދާކޮށް ނިމުމުން އެތަން ކުއްޔަށް ނެގި ފަރާތަށް މިލްކުވާނެއެވެ. މި ލޯނު ނެގުމަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވާނެއެވެ. ނަމަވެސް ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެއެވެ. 

އެންޑް ޔޫސާ ފައިނޭންސިން އޮޕަޝަންއަކީ އަމިއްލަައަށް ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޭ އިހުތިޔާރެކެވެ. މި ސްކީމު ހިންގާނީ ގެދޮރު އިމާރާތްކުރާ ކުންފުނިތަކުގެ ތެރެއިން ވަކި ކުންފުނިތަކެއްގެ އަތުން ގެދޮރު ގަންނަން އެކަމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރާ ގޮތަށެވެ. 

މި އުސޫލުން ލޯނު ދޯރުކޮށްދިނުމުގެ އާއްމު އުސޫލުތަކާއި އަގުތައް އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން، މި ސްކީމުގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ އިންޓަރެސްޓަކީ ލޯނުގެ ޕްރިންސިޕަލް އަދަދުގެ ހަ އިންސައްތައެވެ. ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަންޖެހޭނެއެވެ. ގެދޮރު ގަންނަ މީހާ އިކުއިޓީގެ ގޮތުގައި ފަސް ޕަސެންޓް ބަހައްޓަންޖެހޭނެއެވެ. 

މި ސްކީމުގެ ދަށުން ގެދޮރު ގަނެވޭނީ އެމްއެމްއޭއިން ހުއްދަ ދޭ ވަކި މަޝްރޫއުތަކެއްގެ ދަށުން އެކަނި ކަމަށާއި، މި ސްކީމުން ލޯނު ދޫކުރާނީ އަލަށް ފްލެޓާއި ބޯހިޔާވަހިކަން ހޯދަން ބޭނުންވާ މީހުންނަށް ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ. 

މީގެ ކުރިން ސަރުކާރުންވަނީ ގެދޮރު އަޅަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ފަސް އިންސައްތައަށްވުރެ ކުޑަ ފައިދާގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިނޭންސް ދޫކުރާ ލޯނު ސްކީމެއް ތައާރަފުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު